ރައީސް ނަޝީދު އަދި ރައީސް މަޢުމޫން- ފޮޓޯ: ރައީސް އޮފީސް

ޖަލުގައި ބަޑިޖަހައި އީވާން މަރާލި ހަނދާން އާކޮށް ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި މާފުށީ ޖަލުގައި ބަޑިޖަހައި މީހުން މެރި ހަނދާން އާކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި ހާދިސާ އާއި އަދި ޖެހިގެން އައި ދުވަހު ސިފައިން ބަޑި ޖަހާ ތިން މީހަކު މަރާލައި އަދި އިތުރު ބަޔަކު ޒަހަމް ކޮށްލި ހާދިސާގެ ހަނދާންތައް ރައީސް ނަޝީދު އާކުރައްވާފައިވަނީ މިއަދު ކުރެއްވި އަސަރުގަދަ ޓްވީޓަކުންނެވެ.

ނަޝީދު ވިދާޅުވީ، މިއަދަކީ އެންއެސްއެސްގެ ފުލުހުންގެ ޑިވިޝަނުން އީވާން ނަސީމަށް ޖަލުގައި އަނިޔާކޮށް މަރާލިތާ 15 އަހަރު ފުރުނު ދުވަސް ކަމަށާއި، އީވާން ނަސީމް މަރާލުމުން އެކަމާއި އިހްތިޖާޖް ކުރި ގައިދީންގެ ގަޔަށް ބަޑިޖަހާ ގައިދީންތަކެއް މަރާލި ކަމަށެވެ.

އެހާދިސާ އާއި ގުޅިގެން މާލޭ މަގުތަކަށް މީހުން އެއްވި ކަމަށާއި ޑިމޮކްރަސީ ގެނައުމުގެ ހަރަކާތްތައް ފެށުނީ އެހިސާބުން ކަމަށާއި، ނަމަވެސް އަދިވެސް ފުލުހުން ރިފޯމް ކުރުމުގެ މަސައްކަތް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުދާތީ ކަންބޮޑުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

15 އަހަރު ކުރީގެ ހަނދާންތައް އާކުރަމުން ރައީސް ނަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސް އާމެދުގައި ކަންބޮޑުވުން ފާޅުކުރެއްވިއިރު، ނަޝީދު މިފަހަކަށް އައިސް ދަނީ ފާޅުގައި ފުލުހުންނަށް ފާޑުވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ