2 މަސް ތަރޭގައި ސީރިއާގައި ހާލުގައި ޖެހިފައިތިބި ދިވެހިން ރާއްޖެ ގެންނަނީ

ހަނގުރާމައިގެ މައިދާނުގައި އޮތް ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެ ގެންނަވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ސީރިއާގައި ތިބި އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިގެން ކުރިއަށް މިގެންދަނީ. މިމަހުގެ ފަހު ހަފްތާގައި އަޅުގަނޑުމެންނާ އެކީގައި ބޭރުގެ ދެ ޤައުމަކުން އެބަ ޒިޔާރަތްކުރޭ ރާއްޖެއަށް، އެކަން ކުރިއަށް ގެންދަން ފައްޓަންވެގެން. ހަމަ އެއާއެކީގައި އެމީހުން ރާއްޖެ ގެނެސް ވަގުތީގޮތުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް އަމަލީގޮތުން އަޅަން ފަށައިފިން. އަޅުގަނޑުމެން އަމާޒުކޮށްގެން މިތިބީ ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެތަން ނިންމައި އެމީހުން ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން ސީރިއާގެ ކޭމްޕްތަކުން އެމީހުން ނެރޭނެ ކަމަށާއި، ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެންދާނީ އެހެން ޤައުމަކަށް ކަމަށެވެ.

"އޭގެ ކުރިން ސީރިއާގެ ކޭމްޕްތަކުގައި ތިބި މީހުން ކޭމްޕްތަކުން ނެރޭނެ. ނެރެ އެހެން ޤައުމަކަށް ގެންގޮސް، އެތަނުން ރާއްޖޭގައި މި ސެޓްއަޕް ހަދާ ނިމުނީމާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނަން." ރައީސް ވިދާޅުވިއެބެ.

ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަންނަން ބޭނުންވާ ސީރިއާގައި ހާލުގައި ޖެހިފައިތިބި ދިވެހިން ރާއްޖެ ގެނެސް ޚާއްޟަ ރިހިބިލިޓޭޝަން ސެންޓަރުތަކަށް ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ އޭގެ ތެރޭގައި އެބަތިބި ބައެއް ކުދިން އެއީ ކޮން ޤައުމެއްގެ ބައެއްކަން ނޭނގޭ. އެހެންވީމާ އައިޑެންޓިޓީއެއްވެސް ބައެއް ކުދިންނަށް ހަދަންޖެހޭ. އެނގިވަޑައިގަންނަވާނެ މިއީ ޓެރަރިސްޓް ހަނގުރާމައެއްގެ ތެރޭގައި އުޅެފައި ތިބި ބައެއް. ހަމަ ސީދާ ގެނެސް މުޖުތަމައު ތެރެއަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

"އެންމެ ލަސްވެގެން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އަޅުގަނޑު މިބަލަނީ ރާއްޖެއަށް އަންނަން ބޭނުންވާ އޭގެތެރޭގައި ތިބި މީހުން ގެނެވޭނެ ކަމަށް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ