ސީރިއާގައި ރަޝިއާގެ ހަނގުރާމަމަތީ އުޅަނދަކާއި އެމެރިކާގެ އުޅަނދެއްޖެހި އެކްސިޑެންޓުވެއްޖެ

ސީރިއާގައި ރަޝިއާގެ ހަނގުރާމަމަތީ އުޅަނދަކާއި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިހާދިސާ ހިނގައިފައިވަނީ ސީރިއާގެ އިރުއުތުރުގެ ސަރަހައްދެއްގައެވެ. އަދި މިހާދިސާގެ ޒިންމާ އުފުލުމަށް ދެގައުމުންވެސް ދެކޮޅު ހަދަމުން އަންނައިރު މިހާދިސާގެ ވީޑިއޯ ރަޝިއާގެ މީޑިއާތަކުން މިހާރުވަނީ އާންމުކޮށްފައެވެ.

އާންމުކޮށްފައިވާ ވީޑިއޯއިން ފެއްނަނީ، ރަޝިއާގެ ހަނގުރާމަމަތީ ވެހިކަލްތަކެއް ސަހަރާ ހިސާބަކުން އެމެރިކާގެ ވެހިކަލެއްގެ ފަހަތުން ދުއްވައިފައި ގޮސް އަރައި ހަމަކުރާ މަންޒަރެވެ. އަދި މި އެމެރިކާ ވެހިކަލާ ދާދިގާތުން ރަޝިއާގެ ހެލިކޮޕްޓަރެއްވެސް ދަތުރުކުރަމުންދާތަން ފެނެއެވެ.

މިހާދިސާއާއި ގުޅިގެން ރަޝިއާގެ ޑިފެންސް މިނިސްޓްރީއިން ބުނެފައިވަނީ، އެކްސިޑެންޓް ހިނގި ސަރަހައްދު ރަޝިއާއިން ޕެޓްރޯޯލް ކުރަމުންދާނެކަން ކުރިއާލައި އެމެރިކާއަށް އަންގައިފައިވާނެ ކަމަށާއި އެމެރިކާގެ އަސްކަރީ އުޅަނދުން މަސައްކަތްކޮށްފައިވަނީ ރަޝިއާގެ ޕެޓްރޯލް ކުރުމަށް ހުރަސް އެޅުމަށް ކަމަށެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސުލުން ބުނެފައިވަނީ، ރަޝިއާގެ އުޅަނދަކުން އެމެރިކާގެ އަސްކަރީ އުޅަނދެއްގައި ޖެއްސުމުގެ ސަބަބުން އެ އުޅަނދަށާއި އަދި އޭގައި ތިބި ކުރޫއިންނަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އިސްފަރާތަކާއި ހަވާލާދީ ބޭރުގެ ބަޔެއް މީޑިއާތަކުން ބުނެފައިވަނީ މި އެކްސިޑެންޓާއި ގުޅިގެން އެމެރިކާ ސިފައިންގެ ހަތަރު މީހަކަށް ކޮންމެސް މިންވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެެމެރިކާއިން ސީރިއާގެ އިރުއުތުރުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނީ ކުރުދީންގެ ސީރިއަން ޑިމަކްރަޓިކް ފޯރސަސް (އެސް.ޑީ.އެފް) އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ