ރިޟްވާންގެ މައްސަލަ އަންނަ ހަފްތާގައި ޕީޖީއަށް ފޮނުވަނީ

މަރާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލަ އަންނަ ހަފްތާތެރޭގައި ޕޮރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދަޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ވަނީ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލައިފާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ކޮމެޓީގެ މަސައްކަތްތައް މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބު ނޫސްވެރިންނަށް ބުނެދެއްވާފައެވެ.

އެގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފާ މީހުން ގެ މައްސަލަ ބަލާކޮމެޓީ ވަނީ ޔާމީން ރަޝިދުގެ މައްސަލަ ބަލާ ނިންމާފައިކަމަށާއި، ނަމަވެސް އެ މައްސަލައަކީ މިހާރު ޝަރީއަތުގައި ކުރިޔަށްދާ މައްސަލައަކަށް ވާތީ އެމައްސަލަ ނިމެންދެން އާންމުނުކޮށް އޮތީކަމަށް ރައީސް ވިދަޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަޢުލޫމާތު ލިބިފައިވާ ގޮތުން ނަމަ ޔާމީން ރަޝީދުގެ މައްސަލަ އަންނަ މަހުގެ ކުރީ ކޮޅު ކޯޓުން ނިމޭވަރު ވާނެ ކަމަށެވެ.

މީގެ އިތުރުން އަނަސްގެ މައްސަލައިގެ ރިޕޯޓްވެސް މުޅިން ނިމިފައި ވާކަމަށާއި، ނަމަވެސް ދެ ފަރާތަކާ ކުރަންޖެހޭ ބައެއް ސުވާލު ހުރުމުން އެކަން ނިމުމާއެކީގައި އެ ރިޕޯޓްވެސް ހާމަ ކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައުދާ އާޠިފްގެ މައްސަލަވެސް އޮތީ ކޮމެޓީން ބަލާނިމި ރިޕޯޓް ހާމަކުރާ ހިސާބުގައި ކަމަށެވެ. މީގެ އިތުރުން ހަތަރު ފަރާތެއްގެ މައްސަލަ ކޮމެޓީން ބަލަމުންގެންދާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ފަރާތްތަކެއްކަން ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ