ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓުންގެ ލިސްޓް މިއަދު ޢާއްމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިޙް މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
"ޓެރަރިޒަމްގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައި އެބައޮވޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ހަދަންޖެހޭނެ ކަމަށް. ޤައުމީ ސަލަމާތާބެހޭ ކޮމެޓީގެ ލަފަޔާ އެކުގައި އެ ލިސްޓް އެކުލަވާލަންޖެހޭ. މިއަދު އަޅުގަނޑު ވާނީ އެ ލިސްޓް އެކުލަވާލާފައި. އިރާދަކުރެއްވިއްޔާ މިއަދު އެކަން ހާމަކުރެވިގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
ރައީސް ޞޯލިޙް ވިދާޅުވީ، ރާއްޖޭގައި ހަރަކާތްތެރިވާ ޓެރަރިސްޓު ޖަމާއަތުގެ އަދަދު 17 އަށް އަރާ ކަމަށާއި، އެ ޖަމާއަތްތަކުގެ ނަންތައް މިއަދު ޢާއްމުކުރައްވާނެ ކަމަށެވެ.
"މީގެ ސަބަބުން ރާއްޖޭގެ އެކިއެކި ފަރާތްތަކުން ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން މިހިންގާ ޓެރަރިސްޓް ޢަމަލުތައް ހުއްޓުވުމަށް މުހިންމު ބާރަކަށް މިކަން ވެގެންދާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ، ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެގެން ދިއުމުން، ދީނުގެ ނަމުގައި ބޭރުގެ ޓެރަރިސްޓް ހަމާއަތްތަކާ ގުޅިގެން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ޤާނޫނީ ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.




