އުނގެނޭ އިލްމު ޢަމަލީ މައިދާނުގައި ބޭނުންކުރައްވާ - ހޯމް މިނިސްޓަރ

އިލްމު އުގެނުމަށްފަހު އެ އިލްމު ހަޔާތުގެ އަމަލީ މައިދާނުގައި ބޭނުންކުރަން ނޭންގުމަކީ އިލްމު އުނގޭނޭ މީހަކަށް ކުރިމަތިވާނެ ހިތާމަވެރި މުސީބާތެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ޔޫތް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ހޯރަފުށީގައި ޒުވާނުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ހއ.އަތޮޅުގެ ރަށްތަކުން އަށްޑިހައަށްވުރެ ގިނަ ޒުވާނުންނާއެކު ހޯރަފުށީގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ، އިލްމަކާ ނުލާ އަމަލަކީ ނުވާއެއްޗެއްކަމަށެވެ. އަދި އެއްވެސްކަމެއް ކުރަން ބޭނުންނަމަ އެކަމެއްގެ ޢިލްމް ފުރިހަމައަށް ނުލިބޭނަމަ އެކަމަކުން ދުރުހެލިވުމަށް އެ މަނިކުފާން އިލްތިމާސްކުރެއްވިއެވެ.

ކޮންމެ ކަމެއް ކުރަން ބޭނުންވާ މީހާވެސް އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ އެކަމެއްގެ ޢިލްމް ހޯދުންކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ އަމަލުނުކުރެވޭ އިލްމެއް މީހަކަށް ލިބުމަށްވުރެ ބޮޑު މޮޔަކަމެއް ދުނިޔޭގައި ނުވާކަމެއްކަމަށެވެ. އަދި އެއަށްވުރެ ބޮޑު ބޭކާރުކަމެއް ނުވާނެކަމަށްވެސް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ ދަސްވި ހުރިހާ އެއްޗަކީ ހަޔާތުގެ އަމަލީ މައިދާނުގައި އަބަދުވެސް ބޭނުންކުރާނެ އެއްޗަކަށް ހެދުން" މިނިސްޓަރ ވިދާޅުވިއެވެ.

ބަހާއި، ޘަޤާފަތަށް ޒުވާނުން ޝައުޤުވެރިވުމުގެ މުޙިއްމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޤައުމިއްޔަތުދެކެ ލޯބިވާ ދިވެހި ޒުވާނުންގެ ވަރުގަދަ ޖީލެއް ބިނާކުރުމަކީ މުޙިއްމުކަމެއްކަމަށެވެ. އެގޮތުން ދިވެހި ބަހާއި، ޤައުމިއްޔަތާއި، ޘަޤާފަތަށް އަދި ތަރިކައަށް ރައްކާތެރިވެ ތިބެ، ބަވަނަ ވެފައިވާ ދުނިޔޭގައި ކުރިއަރާދިއުމަށް ޒުވާނުންގެ އެހީތެރިކަމާ އެއްބާރުލުން މިނިސްޓްރީއަށާއި ސަރުކާރަށް އިންތިޚާއަށް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމުގެ މުސްތަޤްބަލް އުޖާލާކުރުމަށާއި، ޤައުމު ކުރިއަރާދިއުމަށް ޒުވާނުންގެ އެހީތެރިކަމާ އެއްބާރުލުން މުޙިންމުކަން މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް