ސިޔާސީ ގޮތުން ހަލަބޮލި ވެފައިވާ ވެނެޒިއުލާއަށް އެހީގެ ތަކެތި އެތެރެކުރަންކުރި މަސައްކަތް ވަރުގަދަ ކުރިމަތިލުމަކަށް ހިނގައްޖެއެވެ.
މިގޮތުން އެމެރިކާ އިން ފޮނުވި އެތައް ސަތޭކަ ޓަނެއްގެ އެހީގެ ތަކެތި ވެނެޒިއުލާއަށް އެތެރެކުރުމަށް ވެނެޒިއުލާގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯގެ ސަޕޯޓަރުން މަސައްކަތް ކުރުމުން އެމަސައްކަތް ހުއްޓުވަން ބޯޑަރ ބަލަހައްޓާ ސިފައިންވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުން ކޮށްފައެވެ.

މިކުރިމަތިލުން ތަކުގައި ހަތަރު މީހަކު މަރުވެފައިވާކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި ހަވާލާދީ ބީބީސީ ގައި ބުނެފައި ވެއެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 300 އަށްވުރެ ގިނައެވެ.

ސިޔާސީ ހަމަނުޖެހުންތަކާއި ގުޅިގެން ވެނެޒުއެލާގެ އިގްތިސާދު ދަށްވެ ތަކެތީގެ އަގު ބޮޑުވުމުން ބޭސް ފަދަ އަސާސީ ތަކެތި ގަންނަން ގިނަ ބަޔަކަށް ވަނީ ދަތިވެފަ އެވެ.