މިދުވަސްކޮޅު ދިވެހި ސިނަމާގައި އެންމެ ފޯރިއާއެކު ދައްކަމުންދަނީ "ބަވަތި" ގެ އެންމެ ފަހު ޝޯތަކެވެ. މި ފިލްމަށް ގިނަ ބައެއްގެ ތައުރީފު އޮހެމުންއަންނައިރު، އެންމެންވެސް ފާހަގަކޮށްފައިވަނީ ފިލްމްގެ ވީއެފްއެކްސް މަންޒަރުތަކުގެ މޮޅުކަމާއި ހިތްގައިމުކަމެވެ. އެހެންކަމުން، ފިލްމްގެ ޓީމުން މިވަނީ ދާދިފަހަކުން، ފިލްމްގެ ވިޝުއަލް މަސައްކަތް ކޮށްފައިވާ "އޯކޭޒް އިންކް" ގެ މި ފެންވަރު ރަނގަޅު މަންޒަރުތައް ހަދާފައިވާގޮތުގެ ވީޑިއޯއެއް ބެލުންތެރިންނަށް ދައްކާލައިފައެވެ.
މީގެ ކުރިން ދިވެހި ފިލްމަކުން ނުފެންނަހާ ފުރިހަމައަށް މި ފިލްމްގައި ވިޝުއަލް އިފެކްޓްސް ގެނެސްދީފައިވާއިރު، މި އާދަޔާ ހިލާފުގެ މޮޅު މަސައްކަތް ހަދާފައިވާގޮތާއި އެކަމަށް މަސައްކަތްކުރި ގޮތް އެ ވީޑިއޯއިން ފެނިގެންދެއެވެ. މި ކެމެރާގެ މަސައްކަތް ކޮށްފައިވަނީ އިބްރާހިމް ވިޝާމް (ކަނޑި)އެވެ.
މަޝްހޫރު ޓީވީ ޕްރޮޑިއުސަރ އިލްޔާސް ވަޙީދު (އިއްލެ)، ފީޗަރ ފިލްމެއް އުފެއްދުމުށް ދެކެމުންދިޔަ ހުވަންފެތަކުގައި ފުރަތަމަ ކުލަ ޖައްސައިދިން ފިލްމް “ބަވަތި” މިވަނީ ބެލުންތެރިން ބަލައިގަނެފައެވެ. ފިލްމްގެ ގިނަ ޝޯތަކެއް އޮލިމްޕަހުގައި ދައްކާފައިވާއިރު، ދެން ފިލްމްގެ ބާކީ އޮތީ 2 ޝޯއެވެ.
ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު ރިލީޒްކުރި، “ބަވަތި” އަކީ މީގެ ކުރިން ދިވެހި ސިނަމާތަކުން ފެނިފައި ނުވާފަދަ ސައިކޮލޮޖިކަލް ސަސްޕެންސް ތްރިލާއެކެވެ. މި ފިލްމަކީ މުޖުތަމަޢުގައި ހިނގާ ނޭދެވޭ މައްސަލައެއް ތަފާތުގޮތަކަށް ގެނެސްދީފައިވާ ވަރަށް އިބްރަތްތެރި ފިލްމެކެވެ.
ބަވަތި މި ފިލްމްގެ ވާހަކައަށް ބަލާއިރު މި ފިލްމްގައި ދައްކުވައިދެނީ، މާލޭގެ މުއްސަނދި ޒުވާން ފިރިހެނަކު، އަތޮޅުތެރޭ ރަށަކަށް ގޮސް އުޅެނިކޮށް ދިމާވާ އަންހެން ކުއްޖަކަށް އޭނާގެ ހިތްދެވި އެ ދެމީހުން ކައިވެނިކޮށް، ކައިވެންޏަށް ފަހު އެމީހުންގެ ދިރިއުޅުން މާލެ އަށް ބަދަލުކުރާ ހިސާބުން އެ އަންހެންކުއްޖާއަށް ކުރިމަތިވާ އާދަޔާ ޙިލާފު ކަންތައްގަނޑެކެވެ.
“ބަވަތި”ގެ މުހިންމު ރޯލުތަކުގައި ހަރަކާތްތެރިވަނީ، ފިލްމީ ދާއިރާގައި މިހާރު ފިޔަޖަހަމުން އަންނަ ތަރި، ނުޒުހަތު ޝުއައިބް އާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ އަހްމަދު އިފްނާޒް ފިރާގެވެ.



