ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ޕްރީމިއާކުރި ފިލްމް "ބަވަތި" ގެ ކާމިޔާބީއާއެކު، ބަވަތިގެ އެންމެ ފަހު 2 ޝޯ އޮލިމްޕަހުގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.
މަޝްހޫރު ޓީވީ ޕްރޮޑިއުސަރ އިލްޔާސް ވަޙީދު (އިއްލެ)ގެ ފުރަތަމަ ފީޗާ ފިލްމް "ބަވަތި" ވެގެންގޮސްފައިމިވަނީ ދިވެހި ސިނަމާގައި ފަހުގެ ތާރީހެއްގައި އެޅުވި އެންމެ ތަފާތު ފިލްމަށެވެ. މި ފިލްމަކީ ސައިކޮލޮޖިކަލް ސަސްޕެންސް ތްރިލާއެކެވެ.
ފިލްމް އެޅުވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ފިލްމަށް ލިބެމުންއަންނައިރު، ސިނަމާގައި ދެން އަޅުވާނީ ބަވަތިގެ އެންމެ ފަހު 2 ޝޯއެވެ. އެގޮތުން ފިލްމްގެ ވަދާއީ ޝޯތަކުގެ ތެރެއިން ފުރަތަމަ ޝޯ މިރޭ ސިނަމާގައި ދައްކާއިރު، ފިލްމްގެ އެންމެ ފަހު ޝޯ ދައްކާނީ 21 ވާ ހޮނިހިރު ދުވަހުއެވެ.
ފިލްމްގެ ޑައިރެކްޓަރު އިއްލެ މައުލޫމާތު ދިންގޮތުގައި، ފިލްމްގެ ވަދާއީ ދެ ޝޯ މިރެއާއި މާދަމާރޭ އޮލިމްޕަހުގައި ދައްކާއިރު، ފިލްމްގެ ފަހު ޝޯތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މުޖުތަމަޢުގައި ހިނގާ ނޭދެވޭ މައްސަލައެއް ތަފާތު ގޮތަކަށް ގެނެސްދީފައި މި ފިލްމަކީ ކޮންމެ ބޭފުޅަކުވެސް ބަލާލުން މުހިއްމު ވަރަށް އިބްރަތްތެރި ފިލްމެކެވެ.




