ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ޖަރުމަނުގެ ފްރެންކްފާޓާއި ބައްދަލުކޮށް އާސެނަލް މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
ރަށުންބޭރުގައި އާސެނަލް ކުޅުނު މިމެޗުގައި އެކްލަބުގެ ޒުވާންކުޅުންތެރިންވަނީ ވިދާލާފައެވެ. ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނުނު ފުރަތަމަ ލަނޑުވެސް ޖަހައިދީފައިވަނީ އާސެނަލްގެ ޒުވާން ޖޯ ވިލޮކެވެ.
އާސެނަލްގެ ދެވަނަ ލަނޑަކީ އުމުރުން 18 އަހަރުގެ ބުކަޔޯ ސާކާ ޖަހައިދިން ލަނޑެކެވެ. މެޗުގެ 85 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އާސެނަލްގެ ސީނިއާ ޓީމަށް ސާކާ ޖަހައިދިން ފުރަތަމަ ލަނޑެވެ. އާސެނަލްއަށް މެޗު ޔަޤީންވެގެންދިޔައީ 87 ވަނަ މިނަޓްގައި އޮބަމަޔާން ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.
މެޗުގައި އާސެނަލްގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްވަނީ ފްރެންފާޓްގެ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ދިފާޢުކުރި ކޮސްޓިކް އަދި ސިލްވާގެ ހަމަލާ ފާހަގަކޮށްލެވެއެވެ.

އަމިއްލަ ދަނޑުގައި އަސްޓަނާއާއި ދެކޮޅަށް ކުޅުނު މެޗު އުނދަގޫކަމާއެކު މެންޗެސްޓާ ޔުނައިޓެޑްވަނީ ކާމިޔާބުކޮށްފައެވެ.
ހުރިހާ ގޮތަކުންވެސް މެޗު ކޮންޓްރޯލް ކުރަމުން އައި ޔުނައިޓެޑުން މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް، ކާމިޔާބުކުރެވިފައިވަނީ ހަމަ އެންމެ ލަނޑެކެވެ. މެޗުގެ 73 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ މޭސަން ގްރީންވުޑެވެ.
މިއީ 2000 ގެ އަހަރުތަކުގައި އުފަންވި ކުޅުންތެރިއަކު ޔުނައިޓެޑްގެ ސީނީއާ ޓީމަށްޖެހި ފުރަތަމަ ލަނޑެވެ.
ރޭގެ މެޗު ޔުނައިޓެޑުން ފައްޓާފައިވަނީ އުމުރުން 21 އަހަރުން ދަށުގެ ހަ ކުޅުންތެރިއަކު ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ޔުނައިޓެޑު އަތުން ބޭކާރުވި މިމެޗު ނިމިގެންގޮސްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.



