ވޯޓުގައި އޮޅުވާލައި މަކަރުހަދަން ފުރުޞަތުދީ، މަޖިލިސް އިންތިޚާބު ފަސްކުރަން ޖާގަ ނުދެއްވާނެކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލިސް ކެމްޕޭނުގެ އެމްޑީޕީގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ، އެ ޕާޓީން އަބަދުވެސް ބަލަނީ އިންތިޚާބުތަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަނީ ޕީޕީއެމް އިން މިކަހަލަ އުޒުރު ދައްކަވައި އިންތިޚާބު ލަސްކުރައްވާ އެކި ކަހަލަ ގަޑުބަޑު ހިންގަން، މަކަރުހަދާ އޮޅުވާލުމާ މިބޭނުމަށް ވޯޓް ލަސްކުރުމަކީ އެއްގޮތަކަށްވެސް އެމްޑީޕީން އެއްބާރުލުން ދޭނެ ކަމެއް ނޫން އަދި އެއްބަސްވާނެ ކަމެއްވެސް ނޫން." އަފްޝަން ލަތީފް ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ، އެމްޑީޕީން ބޭނުންވަނީ މަޖިލިސް އިންތިޚާބުގެ ޓައިމްލައިނާ އެއްގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންގޮސް ވޯޓްލުމުގެ ކަންތައްތައް ވީހާވެސް ހުލްހަވެރިކޮށް ގެންދިއުން ކަމަށެވެ.
މަޖިލިސް އިންތިޚާބުގެ ކަންކަން އެއްވެސް މަޑިޖެހުމެއް ނެތި ޓައިމްލައިނާ އެއްގޮތަށް ގެންގޮސް، މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިދިނުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ގޮވާލެއްވިއެވެ.