ޒިނެދިން ޒިދާންގެ ބަދަލުގައި ރެއަލްމެޑްރިޑްގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ގެންނަށް އުޅޭ ވާހަކަތަކާއި ގުޅިގެން އޭނާ ވާހަކަ ދައްކައިފިއެވެ.
މިދިޔަ ސީޒަންގައި ރެއަލްމެޑްރިޑްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ޓީމު އަލުން ކޮޅަށް ޖެހުމަށް ގެނައި ޒިދާންއަށް އަދިވެސްވަނީ ޓީމު ފޯމަށް އެޅުވޭގޮތް ނުވެފައެވެ. މިސީޒަންގެ ލަލީގާގައި މިހާތަނަށް ކުޅެވުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން ރެއަލްމެޑްރިޑް އެއްވަރުވެފައިވާއިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުންވަނީ ޕީއެސްޖީއާއި ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތަކާއި ގުޅިގެން މޮރީނިއޯ ބުނީ، ޓީމުގެ ފަރާތުން ދަށްކުޅުމަށް ފެނިގެންދާ މިދަނޑިވަޅުގައި ހުރިހާ ސަޕޯޓަރުންވެސް ޒިދާން ފަހަތުގައި ހުރުމަށާއި، ޒިދާންއަކީ މުޅި ޙަޔާތް ފުޓްބޯޅައިގައި ހޭދަކުރި މީހެއްކަމަށެވެ.
އަދި ޒިދާންގެ ބަދަލުގައި ރެއަލްމެޑްރިޑް ކޯޗަކަށް އޭނާ ގެންނަން އުޅޭކަމަށް ޚަބަރު ފެތުރެމުންދާތީ އެކަމާއި ހިތާމަކުރާކަމަށާއި، އޭނާއަކީ އަބަދުވެސް ޒިދާންއަށް އިޙްތިރާމްކުރާ މީހެއްކަމަށެވެ.
މީގެއިތުރުން ލަލީގާގައި ކުރިއަށްއޮތް މެޗުގައި ރެއަލްމެޑްރިޑުން ތާވަލްގެ އެއްވަނާގައިއޮތް ސެވިއްޔާއާއި ދެކޮޅަށް ނުކުންނައިރު، އެމެޗު ކާމިޔާބުކޮށް ތާވަލުގެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު ރެއަލްމެޑްރިޑަށް އެބައޮތްކަންވެސް މޮރީނިއޯވަނީ ފާހަގަކޮށްފައެވެ.




