އެތަކެއް މީޓިންއަށްފަހު ރޯމާގެ ކޯޗުކަން މޮރީނިއޯއަށް ހުށައަޅައިފިކަމަށް ރިޕޯޓްތައް ބުނަންފަށައިފިއެވެ. ރިޕޯޓްތަކުގައިވާ ގޮތުން ރޯމާއިން މޮރީނިއޯއަށް ހުށައަޅާފައިވަނީ 3 އަހަރު ދުވަހުގެ ކޮންޓްރެކްޓެކެވެ.
އެހެން ނަމަވެސް މަޢުލޫމާތު ލިބޭގޮތުގައި މޮރީނިއޯ ރޯމާގެ ކޯޗުކަމާއި ޙަވާލުވާނީ އަންނަ ސީޒަންގެ ޗެމްޕިއަންސްލީގަށް ރޯމާ ކޮލިފައިވެއްޖެނަމައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރމަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރިފަހުން ޓީމަކާއި ޙަވާލުވެފައެއްނުވެއެވެ. ރެއަލްމެޑްރިޑާއި ޙަވާލުވާން މޮރީނިއޯ ޝައުޤުވެރިކަން ފާޅުކުރިނަމަވެސް ރެއަލްމެޑްރިޑުން އެޓީމުގެ ކޯޗަކަށް ހަމަޖެއްސީ ޖައްސަ ޖައްސައިގެން 3 ޗެމްޕިއަންސް ލީގުން އެޓީމަށް ކާމިޔާބުކޮށްދިން ޒިދާންއެވެ.
ލީގުގައި ރޯމާއަށް ބާކީ 4 މެޗު އޮތްއިރު 58 ޕޮއިންޓާއެކު ރޯމާ އޮތީ ތާވަލުގެ ފަސްވަނާގައެވެ. ހަތަރުވަނާގައި އޮތް އެޓްލާންޓާއަށްވަނީ 34 މެޗުން 59 ޕޮއިންޓް ލިބިފައެވެ. ޗެމްޕިއަންސް ލީގުން ޖާގައެއް ރޯމާއަށް ކަށަވަރުވާނީ އެޓްލާންޓާގެ މެޗުތަކުގެ ނަތީޖާތައް ނިކުންނަގޮތުންނެވެ.
ރޯމާގެ ކޯޗެއްގެ ގޮތުގައި މިހާރުހުރި ލެއިސެސްޓާއަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކްލޯޑިއޯ ރަނިއެރީ ވަގުތީ ކޯޗެއްގެ ގޮތުގައި ރޯމާއާއި ޙަވާލުވީ މިސީޒަން ނިމެންދެންނެވެ.
ރޯމާގެ އިތުރުން އިންޓަމިލާން އަދި ޕީއެސްޖީވެސް ދަނީ މޮރީނިއޯއަށް ފާރަލަމުންނެވެ.
ގިނަ ޓީމުތަކުން އާ ކޯޗެއް ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު ޗެލްސީއިން އެންމެފަހުން ވަކިކުރި އެންޓޯނިއޯ ކޮންޓޭވެސް މިހާރުހުރީ އެއްވެސް ޓީމަކާއި ޙަވާލުނުވެއެވެ. ޓީމުތަކުން އަންނަ ސީޒަންއަށް ލޯ އަޅާ ކޯޗުންގެ ތެރޭގައި މޮރީނިއޯއާއި ކޮންޓޭ ހިމެނެއެވެ.




