ޓޮޓޭންހާމްގެ އާ ކޯޗު ހޯސޭ މޮރީނިއޯގެ ފުރަތަމަ ޓާގެޓަކީ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕައުލޯ ޑިބާލާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
ކުރިއަށް އޮތް ފިނި މޫސުމުގެ ޓްރާންސްފާގައި ޑިބާލާއަށް މޮރީނިއޯ ފާރަލަމުން އަންނައިރު، ޓޮޓޭންހާމްގެ ޗެއަރަމަން ޑެނިއެލް ލެވީ ގާތު އެކަމަށް މިހާރުވެސް އެދިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މޮރީނިއޯ ޤަބޫލުކުރާގޮތުގައި ހެރީ ކޭން އާއެކު ކުރިއަށް ކުޅެން ޑިބާލާ ވަރަށް ފިޓްވާނެއެވެ. އެހެންނަމަވެސް މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން މިސީޒންގައި ޔުވެންޓަސްގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ ޑިބާލާ ޓޮޓޭންހާމްއަށް ގެނައުމަކީ ފަސޭޙަކަމަކަށްވެސް ނުވާނެއެވެ.
މޮރީނިއޯ ޓޮޓޭންހާމްގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. އެޓީމުން މޮރީނިއޯ ކޯޗުކަމަށް ގެނެސްފައިވަނީ ފަސް އަހަރަށް ފަހު މައުރީސިއޯ ޕޮޗެޓީނޯ ކޯޗުކަމުން ވަކިކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.
އުމުރުން 56 އަހަރުގެ މޮރީނިއޯ ވަނީ ކޯޗިން ކެރިއަރުގައި މިހާތަނަށް 25 ތަށި އުފުލާލައިފަ އެވެ. މި ވަގުތު ޕްރިމިއާ ލީގުގެ 14 ވަނައިގައި އޮތް ޓޮޓެންހަމާ ހަވާލުވެ އެ ޓީމު ގޮވައިގެން މޮރީނިއޯ ނުކުންނާނެ ފުރަތަމަ މެޗަކީ ހޮނިހިރު ދުވަހު ވެސްޓް ހޭމް ދަނޑުގައި ކުޅޭ މެޗެވެ.



