އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް އެހީވުމަށް ބޭންކް އެކައުންޓެއް ހުޅުވަނީ

ވެރިރަށް މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ހާއްސަ އެކައުންޓެއް ހުޅުވުމަށް ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ހަސަން ވިދާޅުވީ މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މާދަމާ އެކައުންޓެއް ހުޅުވާނެ ކަމަށެވެ

އަދި މިފަރާތްތަކަށް މިހާރުވެސް ފައިސާ ހަދިޔާކުރަން ބޭނުންވާ ފަރާތްތައް އެބަތިބި ކަމަށާއި، ބީއެމްއެލްއާ ގުޅިގެން އެ ބޭންކުގައި ގާއިމުކުރާ އެކައުންޓަކަށް އެކި ފަރާތްތަކުން ހަދިޔާކުރާ ފައިސާ ޖަމާކުރުމުގެ އިންތިޒާމުތައް މާދަމާ ހަމަޖައްސަމުން ގެންދާނަންކަމަށްވެސް ޙިސާންވަނީ ވިދާޅުވެފައެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އާންމުންގެ ފަރާތުން ރޭ ވެސްވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ކަލާފާނު ސްކޫލްގައި ރޭ ގާއިމުކުރި ރިލީފް ސެންޓަރަށް، ކެއިންބުއިމަށް ބޭނުންވާ ތަކެއްޗާއި ގޮދަޑި ފަދަ ގިނަ އަދަދެއްގެ ސާމާނު އާންމުން ހަދިޔާކޮށްފައިވަނީ ކުޑަ ވަގުތުކޮޅެއް ތެރޭގައެވެ.

ރޭ ހިނގި މިހިތާމަވެރި ހާދިސާއަކީ މާލޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ. މިހާދިސާގައި ކެމިކަލް ރައްކާކޮށްފައި ހުރި ހަތަރު ގުދަނަކަށާއި ހަ ގެއެއްގައި އަލިފާން ރޯވެފައިވާއިރު، އެކަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ