ބުންޑެސްލީގާ - ކުޓީނިއޯގެ ފުރަތަމަ ލަނޑާއެކު، ބަޔާންއަށް ފަސޭހަ މޮޅެއް

ބްރެޒިލްގެ ތަރި ފިލިޕެ ކުޓީނިއޯ ބަޔާން މިއުނިކަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު، ޖަރުމަނު ބުންޑެސްލީގާގައި އިއްޔެ އެފްސީ ކޯލްއާއި ބައްދަލުކުރި މެޗު ފަސޭޙަކަމާއެކު ބަޔާންއިން ކާމިޔާބުކޮށްފިއެވެ.

އަމިއްލަ ދަނޑުގައު ކުޅެވުނު މިމެޗު ބަޔާން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުނުތަނާ މާގިނައިރުތަކެއް ނުވަނީސް ރަނގަޅު ފޯމެއްގައި ހުރި ލެވެންޑޯސްކީ ފުރަތަމަ ލަނޑުކާމިޔާބުކޮށްދީފައިވާއިރު، ލެވެންޑޯސްކީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ. ލެވެންޑޯސްކީ މިދެލަނޑާއެކު އޭނާ ބަޔާނަށް ކާމިޔާބުކޮށްދިން ލަނޑުވަނީ 202 އަށް އަރާފައެވެ. މިސީޒަންގައި ބުންޑެސްލީގާގައި ކުޅުނު ފަސް މެޗުން 10 ލަނޑު ލެވަންޑޯސްކީވަނީ ކާމިޔާބުކޮށްދީފައެވެ.

މިމެޗުގައި ބަޔާނުންޖެހި އަނެއް ދެލަނޑު ކާމިޔާބުކޮށްދީފައިވަނީ ކުޓީނިއޯ އާއި ޕެރިސިޗެވެ. އިއްޔެގެ މެޗުގައި ޕެނަލްޓީއަކުން ކުޓީނިއޯ ކާމިޔާބުކޮށްދިން ލަނޑަކީ ލީގުގައި ބަޔާންއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ބާސެލޯނާގައި މިދިޔަ ސީޒަން ހޭދަކުރި ކުޓީނިއޯ ލޯނު އުޞޫލުން ބަޔާންއާއި ގުޅުނީ ބާސެލޯނާއިން ބޭނުންވާފަދަ ކުޅުމެއް އޭނާއަށް އެކްލަބުގައި ދެއްކިފައިނުވާތީއެވެ. ބަޔާނުގެ ޗީފް އެގްޒެކެޓިވް ކާލް-ހެއިންޒް ރުމެނިގާ ބުނިގޮތުގައި އެކްލަބުން ކުޓީނިއޯ ގެނައީ އޭނާގެ އުފެއްދުންތެރިކަމާއި ޓެކްނީކްސް ބޭނުންކޮށްގެން ބަޔާނުގެ އެޓޭކް ވަރުގަދަކޮށްދޭނެކަމަށް ޤަބޫލުކުރެވޭތީކަމަށެވެ.

އިއްޔެގެ މިމޮޅާއެކު މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު ބަޔާންއޮތީ ތާވަލްގެ ދެވަނާގައެވެ. ޖުމްލަ 13 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ އާރުބީ ލައިޕްޒެގެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ