ދުނިޔޭގެ ޓީވީ ސިލްސިލާގެ ތާރީހުގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެމެރިކާގެ ޓީވީ ޝޯ "ފެރެންޑްސް" އަށް މިއަދު މިވަނީ 25 އަހަރު ފުރިފައެވެ. މިއަދު މިއީ "ފެރެންޑްސް"ގެ ފޭނުންނަށާއި، ޝޯގެ މުޅި ޓީމަށް ހާއްސަ ދުވަހަކަށް ވާއިރު، މި ޝޯއަށް 25 އަހަރުފުރުން ފާހަގަކުރުމަށް އެކި ތައްޔާރީތައް މިހާރުވަނީ އަންނަމުންނެވެ.
ފްރެންޑްސް އަށް 25 އަހަރު ފުރުމުގެ ރިހި ޔޫބީލްއާއި ދިމާކޮށް ފޭނުންނާއި ތަރިން އެކަން ފާހަގަކުރަމުން އަންނައިރު، "ގޫގަލް" އިން މިވަނީ މި ދުވަހާއި ދިމާކޮށް ހާއްސަ ޓްރިބިއުޓެއް ފޭނުންނަށާއި ތަރިންނަށް ދީފައެވެ.
ގޫގަލްއިން މިވަނީ، "ފްރެންޑްސް"ގެ ފޭނުންނަށް ހަނދާނުން ފިލުވާލަން ދަތި ސީރީޒްގެ ކެރެކްޓާތައް ކަމުގައިވާ "ރޭޗަލް"، "މޮނިކާ"، "ފީބީ"، "ޖޯއީ"، "ޗޭންދްލާ"، އަދި "ރޮސް" އަށް ހާއްސަ ޓްރިބުއުޓެއް ދީފައެވެ. އެގޮތުން، ގޫގަލްގައި "ފްރެންޑްސް" މި ބަހާއެކު މި ކެރެކްޓާތަކުގެ ނަން ޖެހުމަށްފަހު ސާޗް ކުރުމުން އަންނަނީ އެ ކެރެކްޓާއަކާއި އެންމެ ގުޅޭ ލައިނެއްގެ ނުވަތަ ކަމެއްގެ ފޮޓޯއެކެވެ. އަދި މި ފޮޓޯއަށް ކްލިކް ކޮށްލުމުން ކޮންމެ މީހެއްގެ މޫނުމަތިންވެސް ހިނިތުވުން ފާޅުވާނެކަން ގައިމެވެ.
ފްރެންޑްސް ގެ އެންމެ ތަފާތު ކެރެކްޓާ ފީބީ (ލީސާ ކުޑްރޯ) ގެ ނަން މިގޮތަށް ގޫގަލްގައި ސާޗްކުރުމުން އަންނާނީ ގިޓާއެކެވެ. އެންމެ ހާއްސަ ތަންކޮޅަކީ ގިޓާއަށް ފިތާލުމުން އިވޭނީ ލިސާގެ އަޑުން ސީރީޒްގައި އިވޭ އޭނަގެ އައިކޮނިކް މަޖާ ލަވަ "ސްމެލީ ކެޓްގް" ގެ ތަންކޮޅެކެވެ. އަދި ހަމަ އެހެންމެ "ޖޯއީ" ސާޗް ކުރުމުން އަންނާނީ ޕިއްޒާ ފޮއްޗަކާއެކު އެ ސީރީޒްގައި އެ ކެރެކްޓާ ކުޅެދިން މެޓް ލިބްލިންކް ގެ އެންމެ މަގުބޫލު ލައިން "ޖޯއީ ޑަޒަންޓް ޝެއާ ފުޑްގެ" އެވެ.

އަދި ރޮސް(ޑޭވިޑް ޝްވިމަރ) އާއި ގުޅުވައިގެން ގޫގަލް ގައި ރޮސްގެ ނަން ސާޗްކުރުމުން އަންނަނީ، ސީރީޒްގައި އޭނަގެ އެންމެ ފޭވަރިޓް ލައިން "ޕިވޮޓް"އެވެ. ޗޭންދްލާ(މެތިއު ޕެރީ)ގެ ނަން ސާޗުކުރުމުން "ޗިކް އާއި ޑަކް" ސްކްރީނުން ފެންނައިރު، ރޭޗަލް(ޖެނިފާ އެނިސްޓަން) ގެ ހެއާރ ކަޓް އަދި މޮނިކާ(ކޯޓްނީ ކޮކްޒް) ގެ "ކްލީން ސްޕޮންޖެ" އެ ކެރެކްޓާތަކުގެ ނަން ގޫގަލްގައި ސާޗުކުރުމުން އާދެއެވެ.
ކޮންމެއަކަސް، ފްރެންޑްސްގެ ފަހަަތަށް މި ހަ ކެރެކްޓާގެ ނަމާއެކު ގޫގަލްގައި ސާޗުކުރުމަށްފަހު، އެ އަންނަ ފޮޓޯއަށް ފިތާލުމުން އެ ފްރެންޑްސްގެ ކޮންމެފޭނެއްވެސް އުފަލުން ހެވޭނެކަން ގައިމެވެ.
ފްރެންޑްސް އަށް 25 އަހަރު ފުރުމުގެ ރިހި ޔޫބީލް ފާހަގަކުރުމަށް ހާއްސްކަންތައްތަކެއް ރާވާފައިވާއިރު، އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ، "ފްރެންޑްސް"ގެ ފޭނުންގެ މެދުގައި އެންމެ މަގުބޫލު އެޕިސޯޑުތަކުގެ މައްޗަށް އެކުލެވޭ ހާއްސަ އެޕިސޯޑެއް "ދަ ވަން ވިތް ދަ އެނިވާސަރީ" ގެ ނަމުގައި އެމެރިކާގެ ތިއޭޓަރުތަކުގައި އަޅުވުމެވެ.
1994 ވަނަ އަހަރުގެ މިމަހުގެ މިއަދު "ފްރެންޑްސް"ގެ ފުރަތަމަ އެޕިސޯޑު ދައްކާފައިވާއިރު، ކާމިޔާބު 10 ސީޒަނާއެކު ސީރީޒް ނިއްމާލާފައިވަނީ، 2004 ވަނަ އަހަރުއެވެ.



