"ކުރިއަށްއޮތީ އުނދަގޫ އަހަރެއް" ގްރަނާޑާ އަތުން ދަށްވި މެޗަށްފަހު ސުއަރޭޒް

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާއަށް ކުރިއަށްއޮތީ ވަރަށް އުނދަގޫ އަހަރެއްކަމަށް ސްޕެނިޝް ލަލީގާ ރޭ ގްރަނާޑާ އަތުން ދަށްވި މެޗަށްފަހު އެކްލަބުގެ ފޯވާޑު ލުއިޒް ސުއަރޭޒް ބުނެފިއެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗުން ބާސެލޯނާ ދަށްވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ގްރަނާޑާއިން މެޗު ފެށީ ވަރުގަދަ ބާސެލޯނާ ޙައިރާންކޮށްލުމަށްފަހުގައެވެ. މެޗުގެ 2 ވަނަ މިނަޓްގައި ލަނޑެއްޖަހައި ގްރަނާޑާއިން ލީޑު ނެގިއިރު ބާސެލޯނާއަށް އަދި ރަނގަޅަށް މެޗަށް ނުވެސް ވަދެވެއެވެ. ރަމޮން އަޒީޒްގެ މިލަނޑާއެކު ގްރަނާޑާއިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެއެވެ.

މެޗުގެ ހާފުވެސް ދިޔައީ ހަމައެކަހަލަ ގޮތަކަށެވެ. ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އިތުރު ލަނޑެއް ޖަހައި ގްރަނާޑާއިން ލީޑު އިތުރަށް ފުޅާކުރިއިރު، ބާސެލޯނާއަށް ކުރަން ޖެހިފައިވާ މަސައްކަތް ދެގުނަވިއެވެ. މެޗުގެ 66 ވަނަ މިނަޓްގައި ޕެނަލްޓީއަކުން ޖެހި މިލަނޑު ގްރަނާޑާއަށް ކާމިޔާބުކޮށްދިނީ އަލްވާރޯ ވަޑިލޯއެވެ.

ފުރަތަމަ 11 ގައި ކެޕްޓަން ލިއޮނަލް މެސީ ނުހިމަނައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ޕާސްތަކެއް ބާސެލޯނާއިން ހަދާފައިވީނަމަވެސް ގިނަ ހަމަލާ އުފައްދާ ގޯލަށް ބޮޑަށް ނުރައްކާކޮށްފައިވަނީ ގްރަނާޑާއިންނެވެ. މިމޮޅަކީ ގްރަނާޑާ ބާސެލޯނާގެ އަތުން ޙަޔާތުގައިވެސް މޮޅުވި ފުރަތަމަ ފަހަރެވެ.

ގޭމް ބާސެލޯނާ ކޮޅަށް އަނބުރާލުމަށް ދެވަނަ ހާފަށް މެސީ ނެރުނުނަމަވެސް، ސުމެއް ކަނޑުވާނުލެވި ބާސެލޯނާވަނީ މެޗުން ދަށްވެފައެވެ.

ލަލީގާގައި ބާސެލޯނާއިން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ދެމެޗުންވަނީ ބަލިވެފައެވެ. އަދި އަނެއް މެޗު އެއްވަރުވެފައިވާއިރު މޮޅުވެވިފައިވަނީވެސް ދެމެޗުންނެވެ. މިފަސް މެޗުން ލިބުނު ޖުމްލަ 7 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ތާވަލްގެ 7 ވަނާގައެވެ.

އަދި ރޭގެ މޮޅާއެކު ގްރަނާޑާއަށް ވަގުތީގޮތުން ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ޖުމްލަ 10 ޕޮއިންޓް ހޯދާފައިވާއިރު، ދެވަނާގައި އޮތް ސެވިއްޔާއަށްވުރެ ފައިދާ ދެގޯލް އިތުރަށް ގްރަނާޑާއަށް ލިބިފައިވެއެވެ.

އެހެންނަމަވެސް މިރޭގެ މެޗުން މޮޅުވެ އަލުން ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުޞަތު ސެވިއްޔާއަށް އެބައޮތެވެ. މިރޭ 12:00 ގައި ފެށުމަށް ހަމަޖެހިފައިވާ އެމެޗުގައި ސެވިއްޔާ ނުކުންނާނީ ރެއަލްމެޑްރިޑާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ