އިޓާލިއަން ސީރީއާގައި ރޭ ކުޅުނު މިލާން ޑާބީ 0-2 ގެ ނަތީޖާއަކުން އިންޓަރ މިލާން ކާމިޔާބުކޮށްފިއެވެ.
އޭސީ މިލާންގައި ކުޅުވެނު މިމެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއްޖެހޭގޮތްވަނީ ނުވެފައެވެ.
މެޗުގައި ފެނިގެން ދިޔަ ފުރަތަމަ ލަނޑު މާސެލޯ ބްރޮޒޮވިޗް ކާމިޔާބުކޮށްދިންއިރު، މިލަނޑަކީ އޭސީ މިލާންގެ ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ވަތްލަނޑެކެވެ. އަދި 49 ވަނަ މިނަޓްގައި ފެނުނު މިލަނޑު ލަނޑެއްކަމަށް ނިންމާފައިވަނީ ވީއޭއާރު ބެލުމަށްފަހުގައެވެ.

އިންޓަރއަށް މެޗު ޔަޤީންވެގެންދިޔައީ މެޗުގެ 78 ވަނަ މިނަޓްގައި ރޮމޭލޯ ލުކާކޫ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ލުކާކޫވަނީ މިސީޒަންގެ ސީރީއާގައި އިންޓަރއަށް ކުޅެދިން ހަތަރު މެޗުން ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ރޭގައި ފެނިގެންދިޔަ ލަނޑަކީ މިލާން ޑާބީގައި ލުކާކޫޖެހި ފުރަތަމަ ލަނޑެވެ.
އިންޓަރގެ ފަރާތުން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ރޭގެ މެޗުގައި އިންޓަރގެ ދެހަމަލާއެއް ގޯލް ދަނޑިއާއިވެސް އަމާޒުވެފައިވެއެވެ. ރޭގެ މޮޅާއެކު ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ލިބުނު 12 ޕޮއިންޓާއެކު އިންޓަރވަނީ ތާވަލްގެ އެއްވަނާގައި ހިފަހައްޓާލާފައެވެ.
އިންޓަރއިން އެންމެފަހުން އިޓާލިއަން ސީރީއާ ކާމިޔާބުކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. އޭރު އިންޓަރގެ ކޯޗަކަށް ހޯސޭ މޮރީނިއޯއެވެ.




