އެންޑީޕީ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑު ޢާންމުކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުން، އެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑު އެމްޑީޕީން މިއަދު ޢާންމުކޮށްފިއެވެ.

މި ގޮތުން މިއަދު އެމްޑީޕީން އާންމުކުރި ކެންޑިޑޭޓުންގެ ސުލޫކީ މިންކަނޑަކީ، އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު (ޤާނޫނު ނަންބަރ 11/2008) ގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑާއި، އެ ޤާނޫނުގެ 74 ވަނަ މާއްދާއަށް، 2018 ވަނަ އަހަރު، ކުށާއި އަދަބު އިތުރުކޮށްފައިވާއިރު، އެ ކަންކަންކަމަށް ރިޢާޔަތްކޮށް، މިހާރުގެ ޤާނޫނަށްވުރެ ފުރިހަމައަށް ފަރުމާކުރެވިފައިވާ ސުލޫކީ މިންގަނޑެއް ކަމަށް އެ ޕާޓީން ވިދާޅުވިއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންގެ ސުލޫކީ މިންގަނޑުގައި، ޕާޓީގެ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކައި، އިސްލާމްދީނުގެ ޙުރުމަތް ކެނޑޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ބާރު އެޅުމުގެ އިތުރުން، ނަޒާހަތްތެރި ކެންޑިޑޭޓުންތަކެއް ޕާޓީގެ ފަރާތުން ހުށަހެޅުމަށްޓަކައި ކެންޑިޑޭޓުންގެ މާލީ ބަޔާން، ފުރިހަމަ ތަފްޞީލާއެކު ޢާންމުކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން އިންތިޚާބާ ގުޅިގެން ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ ނުވަތަ ތަކެތި ހޯދުމަށްޓަކައި، އެއްވެސް ފަރާތަކާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ނާޖާއިޒު ބާރެއް ބޭނުންނުކުރުމަށާއި، ވަކިމީހަކަށް ޚާއްސަ އިމްތިޔާޒުތަކެއް ހޯދައިދޭނެކަމުގެ، ނުވަތަ ޒާތީ ފައިދާތަކެއް ހޯދައިދޭނެކަމުގެ ހުށަހެޅުމެއް ހުށަނޭޅުމަށް އެމްޑީޕީގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގައި ބާއްވާ ކޮންމެ އިންތިޚާބަކާ ދިމާކޮށްވެސް ސަރުކާރުތަކުން ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުން ކުރާކަމުގެ އަޑުތައް ގަދަވެއެވެ. އަދި އެންޓި ކެމްޕޭން ކުރުންފަދަ ނާތަހުޒީބު އެތައް ކަމަކުން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް އަސަރުކުރެއެވެ.

ހަރުދަނާ ސުލޫކީ މިންގަނޑެއްގެ ތެރޭގައި ކެމްޕޭން ކުރިއަށް ގެންދިއުމަކީ މުޅި ދިވެހި ޤައުމަށްވެސް މުހިންމު ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ