ފްރާންސް ލީގު 1 ގައ ލިޔޯންއާއި ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގެ ފަހުވަގުތުކޮޅު ނޭމާ ކާމިޔާބުކޮށްދިން ލަނޑަކާއެކު އަނެއްކާވެސް ޕީއެސްޖީ މޮޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ސްޓްރަސްބާގްއާއި ދެކޮޅަށް ކުޅުނު މެޗުންވެސް ނޭމާ ޕީއެސްޖީ މޮޅުކޮށްދީފައިވާއިރު، އެމެޗުގެ ފެނިގެންދިޔަ ހަމައެކަނި ލަނޑު ނޭމާ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ އިތުރުވަގުތުގައެވެ.
ލިޔޯމްގައި ރޭ ކުޅުނު މިމެޗު ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.
އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި ނިމެންދިޔަ މިމެޗުގައި ލިޔޯންގެ ދެތިން ޑިފެންޑަރު ކަޓުވާލުމަށްފަހު ނޭމާ ފޮނުވާލި ހަމަލާ ގޯލުގެ ތިރީކަނަށް ވައްދާލައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ މެޗުގެ 87 ވަނަ މިނަޓްގައެވެ.
ރޭގެ މެޗުން ޕީއެސްޖީ މޮޅުވެފައިވާއިރު، މިދެޓީމު އެންމެފަހުން ލިޔޯން ދަނޑުގައި ބައްދަލުކުރި ހަމެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައިވަނީ ލިޔޯންއިންނެވެ.
ރެއަލްމެޑްރިޑް ދޫކޮށް ޕީއެސްޖީއާއި ގުޅުނު ކީޕަރު ކޭލާރ ނަވާސް ކޮޅަށް މިސީޒަންގައި މިހާތަނަށް ލަނޑެއްވަދެފައިނުވާއިރު، ނަވާސްވަނީ ބައިކޮޅަށް ލަނޑެއް ނުވައްދައި 3 މެޗު ފުރިހަމަކޮށްފައެވެ.
ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ހަމެޗުން ލިބުނު ޖުމްލަ 15 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ތާވަލްގެ އެއްވަނާގައެވެ. ލިޔޯންއަށް ތާވަލްގެ ނުވަވަނަލިބެނީ ކުޅުނު ހަމެޗުން ލިބުނު 8 ޕޮއިންޓާއެކުގައެވެ.




