މިއީ އަހަރެން އެނބުރި އައިފަހުން ރެއަލްމެޑްރިޑުން ކުޅުނު އެންމެ މޮޅު މެޗު: ޒިދާން

ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާއާއި ދެކޮޅަށް ކުޅުނު ކުޅުމަކީ އެނބުރި އައިސް ރެއަލްމެޑްރިޑާއި ޙަވާލުވިފަހުން އެކްލަބުން ކުޅުނު އެންމެ ރަނގަޅު މެޗުކަމަށް ކޯޗު ޒިނެޑިން ޒިދާން ބުނެފިއެވެ.

ސެވިއްޔާ ދަނޑުގައި ކުޅެވުނު ފޯރިގަދަ މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ރެއާލްމެޑްރިޑުން ސެވިއްޔާއާއި ޚިލާފަށް ގޯލަށް ނުރައްކާވާ ކަހަލަ ހަމަލާތަކެއްވަނީ އުފައްދާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި މެޗުގެ 64 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއައެވެ. ބެންޒެމާގެ މިލަނޑާއެކު ލަލީގާ ޓޮޕް ސްކޯރާ ލިސްޓްގެ ކުރިއަށް އޭނާވަނީ ޖެހިލާފައެވެ. ބެންޒެމާވަނީ މިހާތަނަށް ޖުމްލަ ފަސް ލަނޑު ކާމިޔާބުކޮށް އިތުރު އެސިސްޓެއް ހަދާފައެވެ.

"އަހަރެމެނަށް އެނގޭ ލަނޑު ޖަހާނެ ފުރުޞަތުތައް އުފެއްދޭނެކަން. އެކަމު މިއަދު މޮޅުވުމުގެ ސަބަބަކީ އެންމެންވެސް ޑިފެންސް ކުރުމުގައި ކުރި ބުރަ މަސައްކަތް." ޒިދާން ބުންޏެވެ.

ސެވިއްޔާގެ ގިނަ ކައުންޓާ އެޓޭކްތަކެއް ތަކެއް ދިފާޢުކުރުމުގައި ރެއަލްމެޑްރިޑްގެ ހަޒާޑު، ބޭލް އަދި ރޮޑްރިގޭޒްވެސްވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން ޒިދާން ބުނީ، އެނބުރި ރެއަލްމެޑްރިޑަށް އައިފަހުން އެންމެ ހިތްހަމަޖެހޭ ކަހަލަ ކުޅުމެއް ކުޅެފައިވަނީ މިއަދުގެ މެޗުގައި ކަމަށެވެ.

ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ރެއަލްމެޑްރިޑް ޖެހިލިއިރު، އެތުލެޓިކް ބިލްބާއޯއަށް ތާވަލްގެ އެއްވަނަ ލިބެނީ ރެއަލްމެޑްރިޑަށްވުރެ ފައިދާ އެއް ގޯލް އިތުރަށް އޮވެގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ