އީޕީއެލް - ލިވަޕޫލް ރެކޯޑް ދެމެހެއްޓިއިރު، އެކަކު މަދުކޮށް ކުޅުނު އާސެނަލް ފަހަތުންއަރައި މޮޅުވެއްޖެ

އިންގްލިޝް ޕްރިމިއާ ލީގުގައި މިސީޒަންގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރަމުންއައި ލިވަޕޫލް ރޭ ޗެލްސީއަތުން މޮޅުވިއިރު، އެކަކު މަދުކޮށް ކުޅުނު އާސެނަލް ފަހަތުންއަރައި އެސްޓަންވިލާ ބަލިކޮށްފިއެވެ.

ޗެލްސީ ދަނޑުގައި ރޭ ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން ޗެލްސީ ބަލިވިނަމަވެސް، އެކްލަބުގެ ޒުވާން ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. ލިވަޕޫލްކޮޅަށް ނުރައްކާތެރި އެތަށް ހަމަލާއެއް އުފެއްދިއިރު، ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްވެސްވަނީ ލިބިގެންގޮސްފައެވެ.

މެޗުގައި ލިވަޕޫލުންޖެހި ދެލަނޑުވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. މިދެލަނޑުވެސް ސެޓްޕީސްއަކުން ޖެހިއިިރު ފުރަތަމަ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން އެލެގްޒޭންޑާ އާނޯލްޑް ކާމިޔާބުކޮށްދިން ވަރަށް ހިތްގައިމު ލަނޑެކެވެ. އަދި ލިވަޕޫލްގެ ދެވަނަ ލަނޑަކީ ހިލޭ ޖެހުމަކުން ގޯލް ކުރިމައްޗަށް ހުރަސްކޮދިން ބޯޅައަކުން ފިރްމީނޯ ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދޭތި ދަށުގައި އޮތް ޗެލްސީ ދެވަނަ ހާފު ކުޅެން ނުކުމެ ލިވަޕޫލަށްވަނީ ވަރުގަދަ ފައިޓެއް ދީފައެވެ. އެގޮތުން ލިވަޕޫލްކޮޅަށް ދެމުންދިޔަ ގިނަ ހަމަލާތަކާއެކު ޗެލްސީންވަނީ މެޗުގެ 71 ވަނަ މިނަޓްގައި ކާންޓޭ ކާމިޔާބުކޮށްދިން ލަނޑަކާއެކު ސުމެއް ކަނޑުވާފައެވެ. މީގެ އިތުރުން ފުރަތަމަ ހާފުގައި ޗެލްސީގެ ކެޕްޓަން އަޒްޕިލިކުއެޓާ ލަނޑެއް ޖެހިނަމަވެސް ވީއޭއާރު ބެލުމަށްފަހު އެލަނޑުވަނީ ކެންސަލްކޮށްފައެވެ.

ރޭގެ މޮޅާއެކު ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، ލިބުނު 18 ޕޮއިންޓާއެކު ލިވަޕޫލްއޮތީ ތާވަލްގެ އެއްވަނާގައެވެ.

ރޭ އަމިއްލަ ދަނޑުގައި އެސްޓަންވިލާއާއި ދެކޮޅަށް އެކަކު މަދުކޮށްކުޅެ އާސެނަލްވަނީ ފަހަތުން އަރައި މެޗުން މޮޅުވެފައެވެ.

މެޗިގެ ފުރަތަމަ ހާފުގެ 41 ވަނަ މިނަޓްގައި އާސެނަލްގެ މައިޓްލޭންޑް ނައިލްސްއަށް ދެއްކި ރަތްކާޑަކާއެކު އާސެނަލްއިން މެޗުގެ ބޮޑުބައި ފުރިހަމަކޮށްފައިވަނީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މެޗު ފެށުމާއެކު އެސްޓަންވިލާއިން އާދައިގެ ގޮތަކަށް ކުޅެމުންދިޔަ އާސެނަލް ޙައިރާންކޮށްލިއިރު، މެޗުގެ ފުރަތަމަ ހާފު އެސްޓަންވިލާއިން ނިންމާލީ ލީޑުގައި އޮވެއެވެ. މިލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މެކްގިންއެވެ.

ނަމަވެސް ދެވަނަ ހާފުގައި އާސެނަލްގެ ކުޅުން ވަރަށް ބޮޑުތައް ރަނގަޅުކޮށް އެސްޓަންވިލާއަށް ނުރައްކާކުރަންފެށިއެވެ. ނަތީޖާއެއްގެ ގޮތުން ލިބުނު ޕެނަލްޓީއަކުން ޕެޕޭވަނީ 59 ވަނަ މިނަޓްގައި ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗު އަނބުރާލުމަށް ހިތްވާރާއެކު މަސައްކަތްކުރުމުގައި އާސެނަލްއިން ކުރީގައި އުޅެނިކޮށް ކައުންޓާއެޓޭކެއްގައި އިތުރު ލަނޑެއްޖަހައި އެސްޓަންވިލާއިން އަނެއްކާވެސް އާސެނަލް ކުރަމުންއައި މަސައްކަތް ދެގުނަކޮށްލިއެވެ. 60 މިނަޓްގައި ފެނިގެން ދިޔަ މިލަނޑު އެސްޓަންވިލާއަށް ކާމިޔާބުކޮށްދިނީ ވެސްލީއެވެ.

އާސެނަލްއިން ކުރަމުންއައި އުންމީދަށް އަލިކަމެއް އައީ މެޗުގެ ފަހު ދިހަ މިނަޓްގައި އާސެނަލްއިން ޖެހި އިތުރު ދެލަނޑާއެކުގައެވެ. މިދެލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ޗެމްބާސްއާއި އޮބަމަޔާންއެވެ.

ރޭގެ މޮޅާއެކު އާސެނަލްއަށްވަނީ ގަދަ ހަތަރަކުން ޖާގައެއް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ