އެމީ އެވޯޑްސް: އެންމެ މޮޅު ސީރީޒްއަކަށް ގޭމްއޮފް ތްރޯންސް

އެމެރިކާގެ ޓީވީ ސީރީޒްތަކާއި ޓީވީ ޝޯތަކަށް ދެމުން އަންނަ އެންމެ ފަހުރުވެރި އެވޯޑު، އެމީ އެވޯޑްސް 2019 ބާއްވައިފިއެވެ. 71 ވަނަ އެމީއެވޯޑްސް ބާއްވާފައިވަނީ، ލޮސް އެންޖެލަސްގެ މައިކްރޯސޮފްޓް ތިއޭޓަރުގައެވެ. މި އެވޯޑް ޝޯގައި ހޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ބައިވެރިވެފައެވެ.

ކޮމެޑީ ސީރީޒް އާއި ޑްރާމާ ސީރީޒް މި ދެބަޔަށް ބަހާލައިގެން މި އެވޯޑް ޝޯ ގެނެސްދިންިއިރު، ޑްރާމާ ސީރީޒްގެ ކެޓެގެރީން މިފަހަރުވެސް އެންމެ މޮޅު ޑްރާމާ ސީރީޒްއަކަށް ހޮވިފައިވަނީ އެޗްބީއޯގެ "ގޭމް އޮފް ތްރޯންސް"އެވެ. އަދި އެންމެ މޮޅު ކޮމެޑީ ސީރީޒްގެ ކެޓެގެރީން އެންމެ މޮޅު ސީރީޒްގެ ލަޤަބު ގެންގޮސްފައިވަނީ ބީބީސީއިން ދައްކަމުން އަންނަ "ފްލީބޭގް"އެވެ.

ޑްރާމާ ސީރީޒްގެ ބައިން އެންމެ މޮޅު ސީރީޒްއަކަށް ގޭމް އޮފް ތްރޯންސް ހޮވުނު އިރު، މި އެވޯޑުގައި ހިފުމަށް ޝޯގެ ހުރިހާ ކާސްޓުންވަނީ ސްޓޭޖަށް އަރާފައެވެ. މި އެވޯޑުގެ އިތުރުން މި ކެޓެގެރީން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ގެންގޮސްފައިވަނީ މި ސީރީޒްގެ ތަރި ޕީޓާ ޑިންކްލޭޖުއަށެވެ.

މިފަހަރުގެ އެވޯޑު ހަފްލާގައި އެންމެ ގިނަ އެވޯޑް ގެންގޮސްފައިވަނީ ކޮމެޑީ ސީރީޒްގެ ބައިން "ފްލީބޭގ"އެވެ. އެ ސީރީޒްވަނީ 4 ކެޓެގަރީއަކުން އެވޯޑް ގެންގޮސްފައެވެ. އެއީ އެންމެ މޮޅު ކޮމެޑީ ސިރީޒްގެ އެވޯޑާއި، އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑްއެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓްރަސް ގެ އެވޯޑް މި ސީރީޒްއިން ގެންގޮސްފައިވަނީ، "ފީބީ ވޯލަރ ބްރިޖް" އެވެ. އަދި އެންމެ މޮޅު ވާހަކަ ލިޔެގެން އެ ސީރީޒްގެ އެޕިސޯޑަކުން، އައުޓްސްޓޭންޑިން ރައިޓިން ގެ އެވޯޑްވެސް އޭނާ ވަނީ ގެންގޮސްފައެވެ.

ދެން ފާހަގަކޮށްލެވޭ އިތުރު އެވޯޑްތަކަށް ބަލާއިރު، އެންމެ މޮޅު ލިމިޓެޑް ސީރީޒްއަކަށް ހޮވިފައިވަނީ އެޗްބީއޯގެ "ޗަރނޮބިލް"އެވެ. އަދި ކޮމެޑީ ސީރީޒްގެ ބައިން އެންމެ މޮޅު ލީޑު އެކްޓަރަކަށް ހޮވިފައިވަނީ "ބެރީ" އިން ބިލް ހެޑަރ"އަށެވެ. އަދި ޑްރާމާ ސީރީޒްގެ ބައިން އެންމެ މޮޅު ލީޑް އެކްޓަރަކަށް "ޕޯސް"އިން ބިލީ ޕޯޓަރ ހޮވުނުއިރު، މި ބައިން އެންމެ މޮޅު ލީޑު އެކްޓްރެސްގެ އެވޯޑު ގެންގޮސްފައިވަނީ، "ކިލިން އީވް" އިން ޖޯޑީ ކޮމާރ އެވެ.

މީގެއިތުރުން، ކޮމެޑީ ސީރީޒްގެ ބައިން، އެންމެ މޮޅު ސަޕޯޓިން އެކްޓްރަސް އަކަށް ހޮވުނީ، "ދަ މާރވެލަސް މިސިސް މެއިސެލް" އިން އެލެކްސް ބޯރސްޓިން އެވެ. އަދި ހަމަ އެސީރީޒް އިން އެންމެ މޮޅު އެކްޓަރުގެ އެވޮޑް ގެންގޮސްފައިވަނީ، ޓޯނީ ޝެލްހޯބް އެވެ. އަދި ޑްރާމާ ސީރީޒްގެ ބައިން އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ގެންދިޔައީ، "އޮޒާކް"އިން ޖޫލިއާ ގާރނާއެވެ.

71 ވަނަ އެމީއެވޯޑްސް ގައި، މިދިޔަ އަހަރު މަރުވި އެމެރިކާގެ ކޮމިކް ލިޔުންތެރިޔާ "ސްޓޭން ލީ" ގެ ހަނދާނުގައި ވަނީ ހާއްސަ ސެގްމެންޓެއްވެސް ގެނެސްދީފައެވެ.

މިފަހަރުގެ އެމީ އެވޯޑްސްގައި އެޗްބީއޯގެ ސީރީޒްތަކަށް އެންމެ ގިނަ އެވޯޑްސް ލިބުނުއިރު، އެންމެ ޝަރަފުވެރި ދެ އެވޯޑު ގެންދިޔައީ، "ފްލީބޭގް" އަދި "ގޭމް އޮފް ތްރޯންސް"އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ