މަސްތުގެ ވަބާގެ ސަބަބުން ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ޙިއްޞާގައި ހުސްކަމެއް އެބައޮތް – ޝިދާތާ

މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ޙިއްޞާގައި ހުސްކަމެއް އުފެދިފައި އެބަ އޮތް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީސީ)ގެ ފަރާތުން މި މަހުގެ 23ން 27ށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިންތިޒާމުކުރާ "ސައުތު އޭޝިއަން ބޫސްޓަރ ޓްރޭނިންގ އޮން ދަ ޔޫ.އެން.އޯ.ޑީ.ސީ ފެމިލީ ތެރަޕީ ޕެކޭޖް ފޮރ ޔޫތް ވިތް ޑްރަގް ޔޫސް ޑިސްއޯޑަރސް އެންޑް ދެއަރ ފެމިލީސް" ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ، މި ހުސްކަން ފިލައިގެން ދާނީ މި ވަބާގައި ޖެހިފައިވާ ޒުވާނުނަށް ބޭނުންވާ ރިހެބިލިޓޭޝަން ފަރުވާ ދެވި، އަލުން މުޖުތަމަޢުއަށް ނެރެވިގެން ކަމަށާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ ޢާންމު ޞިއްޙަތަށް ބޮޑު އަސަރެއް ފޯރާ ކަމަށެވެ.

އެގޮތުން ޖިސްމާނީ ހެދިބޮޑުވުމާއި، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް ކުރާ ނުރަނގަޅު އަސަރު އެ ކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޒުވާނުން ކަންކަމުގައި ވިސްނާ ފިކުރުކުރުމުގައްޔާއި ނިންމުންތައް ނިންމުމުގައްޔާއި ކަންކަމުގައި ޢަމަލުކުރާ ހަލުވި މިނަށް ބަދަލު އައިސް، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެހެން ކަމުން، މަސްތުވާތަކެތީގެ ވަބާއަކީ އިޖުތިމާޢީ މައްސަލަތަކާއި ކުށްތައް އިތުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ސަބަބެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ރިހެބިލިޓޭޝަން ފަރުވާއަށް ޚާއްޞަ އިސްކަމެއް ދެއްވިކަން ފާހަގަކުރައްވައި، އެ ގޮތުން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުވިފައިވާ ކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތަކީ މި ފަދަ ސެންޓަރުތައް ހިންގުމުގެ ހުއްދަ ޕްރައިވެޓް ސެކްޓަރއަށް ވެސް ހުޅުވައިލުން ކަމަށާއި، އެ ކަމުގެ ސަބަބުން މިހާރު ފަރުވާ ހޯދުމަށް އެދިފައިވާ އެތައް ފަރާތެއްގެ މައްސަލައަށް ޙައްލު ލިބިގެން ދާނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު ރަޝީދާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗީފް އެކްޒެކެޓިވް އޮފިސަރ އަލްފާޟިލް ޙަސަން ޝަހީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ