ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ | ފޮޓޯ: މިހާރު

ޝާހަށް ޖަލުހުކުމެއް ކުރުމަކީ އަންހެނުންގެ ޙައްޤުގައި އެޅުނު މުހިއްމު ފިޔަވަޅެއް: ޖެންޑަރ މިނިސްޓްރީ

އަނބިމީހާ ރޭޕް ކުރުމުގެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލާން ހުކުމްކުރުމަކީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ.

މަރުވި ޒިިޔާދާ ނައީމްގެ މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު ޖަލަށްލާން ހައި ކޯޓުން ހުުކުމްކޮށްފައިވަނީ މިއަދުއެވެ.

ޖެންޑަރ މިނިސްޓްރީން މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ކުރައްވާފައިވާ މި ޙުކުމަކީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ޖިންސީ ކުށުގެ ޤާނޫނުގައި ފިރިމީހާ އަނބި މީހާ "އޭޕް" ކުރުމަކީ، މި ޤާނޫނު ބަލައިގަންނަ، އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު މަރުޙަލާގައި ފިޔަވަޅު އެޅުމަށް ނިންމި ފުރަތަމަ ފަހަރު ކަމަށެވެ.

އެހެންކަމުން މިއީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅިގެންދިޔަ ނުހަނު މުހިއްމު ފިޔަވަޅެއް ކަމަށާއި ޕްރޮސިކިއުޓަރ ޖެނެރަލް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތަކަކީ މި މިނިސްޓްރީން ބަލައިގަންނަ އަދި އެކަމަށްޓަކައި މި މިނިސްޓްރީން ޝުކުރު އަދާކުރާ ކަމެއްކަމުގައި ވިދާޅުވިއެވެ.

ޑިސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ޝާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ