މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ހެންވޭރުގެ ބޮޑު ސަރަހައްދެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީ ރޭވިގެން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަން ސާބިތުވާނެ ހެއްކެއް އަދި ލިބިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ތަހުގީގު ކުރިއަށް ދަނީ ހުރިހާ "އެންގަލް" އަކުން ބަލައިގެން ކަމަށާއި މިހާތަނަށް ހޯދި ހޯދުން ތަކުން އެއްވެސް ވަރަކަށް އެއީ ޓެރެރިޒަމްގެ އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުންނެއް ސީދާ ޓެރަރިޒަމާ ގުޅޭ ނުވަތަ އެގޮތަށް ބެލެވޭ އެެއްވެސް ކަމެއް ފާހަގަ ވެފައެެއް ނެތް. ނަމަވެސް އަޅުގަނޑުމެންގެ ތަހުގީގު ކުރިޔަށް މިގެންދަނީ ހުރިހާ ޕޮޒިބިލިޓީސްތަކަށް ބަލައިގެން. ހުރިހާ އޭންގަލަކުން ބަލައިގެން. އެކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން. ހާދިސާ ހިނގައިގެން ދިޔައީ އެކްސިޑެންޓަކުންތޯ ނޫނީ ގަސްތުގައި ބަޔަކު ރޯކޮށްލައިގެންތޯ މިހުރިހާ އޭންގަލަކުން އަޅުގަނޑުމެން ބަލާނަން" ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ، މިއީ ތަހުގީގުގެ ކުރީކޮޅުކަމުން އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައިނުވާ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު ވިދާޅުވީ، އަލިފާނުގެ އެ ހާދިސާގެ ތަހުގީގު ވަރަށް ބާރަށް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށާއި، ފަހަރަކު ސައިޓެއް، އަދި އަނދައިގެން ދިޔަ ކޮންމެ އެޕާޓްމަންޓަކަށް ފޮރެންސިކް ފުލުހުން ވަދެ ތަހުލީލު ކުރާނެ ކަމަށެވެ.




