އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައިހުރި، ރެއަލްމެޑްރިޑްގެ ވަރުގަދަ ތަރިންކަމަށްވާ މޮޑްރިޗް، މާސެލޯ އަދި އިސްކޯވެސް ފަރިތަކުރުންތަކުގައި ބައިވެރިވާން ފައްޓައިފިއެވެ.
ސެވިއްޔާ އަތުން މޮޅުވެ އެންމެ 12 ގަޑިއިރުނުވަނީސް ރެއަލްމެޑްރިޑުން ކުރިއަށް އޮތް މެޗަށް ފަރިތަކުންތައް ފައްޓާފައިވާއިރު މޮޑްރިޗް، މާސެލޯ އަދި އިސްކޯ ކުރިއަށް މެޗު ތަކުން ފެންނާނެކަމުގެ އުންމީދު މިވަނީ އާވެފައެވެ.
ހޯމަ ދުވަހު ކުރިއަށްދިޔަ ފަރިތަކުރުންތަކުގައި ޓީމާއެކު އިސްކޯ ބައިވެރިވެފައިވެއެވެ. އަދި މޮޑްރިޗާއި މާސެލޯވަނީ ވަކިން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ރެއަލްމެޑްރިޑަށް ކުރިއަށް ލަލީގާ މެޗެއް އޮތްއިރު، ބުދަ ދުވަހުގެ ރޭ 12:00 ގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗުގައި ރެއަލްމެޑްރިޑު ނުކުންނާނީ އޮސަސޫނާއާއި ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅެވޭ މިމެޗަށް ރެއަލްމެޑްރިޑުން ތައްޔާރުވަމުން އަންނައިރު ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެކްލަބު އޮތީ ތާވަލްގެ ދެވަނާގައެވެ.
އެއްވަނާގައި އޮތް އެތުލެޓިކް ބިލްބާއޯއަށްވެސް 11 ޕޮއިންޓް ލިބޭއިރު، ބިލްބާއޯއަށް ތާވަލްގެ އެއްވަނަ ލިބެނީ ރެއަލްމެޑްރިޑަށްވުރެ އިތުރަށް ފައިދާ 1 ގޯލް ލިބިގެންނެވެ.



