ކުރަމުންދާ މަސައްކަތަށާއި، ހިތްވަރަށް ބަދަލެއް ނާންނަކަމަށާއި އަދި އެނބުރި އަންނާނެކަމަށް އިޝާރާތްކޮށް ޔުވެންޓަސްގެ ތަރި ކްރިސްޓީއާނޯ ރޮނާލްޑޯ އޭނާގެ ސަޕޯޓަރުންނަށް މެސެޖެއް ދީފިއެވެ.
ރޭ މިލާންގައި ކުރިއަށް ދިޔަ ފީފާގެ އަހަރީ އެވޯޑު ނައިޓްގައި ރޮނާލްޑޯ ބައިވެރިވެފައިނުވާއިރު، އޭނާވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް މެސެޖެއް ދީފައެވެ.
އެގޮތުން ރޭވެފަ އަލިވެސް ވިލޭނެކަމަށާއި އަބަދުވެސް އެޙަޤީޤަތް ހަނދާނުގައި ބެހެއްޓުމަށް ރޮނާލްޑޯގެ މެސެޖުގައިވެއެވެ.
މީގެއިތުރުން ރޮނާލްޑޯ ބުނީ ކެތްތެރިކަމާއި، ކަމެއް ޙާސިލްކުރުމަށްކުރާ ބުރަ މަސައްކަތަކީ ޕްރޮފެޝަނަލުންނާއި އެމޭޗަރުންނާއި ދެމެދު ހުރި ދެތަފާތު ކަމަށާއި، ކޮންމެ ބޮޑުކަމެއްވެސް ފެށިފައި ހުންނާނީ ކުޑަކަމަކުން ކަމަށްވެސް ރޮނާލްޑޯވަނީ ބުނެފައެވެ.
އަދި ހުރިހާ ކަމެއް އެކަކަށް ނުކުރެވޭނެކަމަށާއި، ދެކެމުން އަންނަ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށްވެސް ރޮނާލްޑޯވަނީ ނަޞޭޙަތްތެރިވެފައެވެ.
ރޭގެ ހަފްލާގައި ވާދަވެރި މެސީއަށް ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބިފައިވާއިރު ރޮނާލްޑޯއަށް ލިބިފައިވަނީ ތިންވަނައެވެ. ދެވަނަގައި އޮތީ ލިވަޕޫލްގެ ޑިފެންޑަރު ވެންޑައިކެވެ. އެހެންނަމަވެސް ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯވަނީ ހިމެނިފައެވެ.





