ށ.ފޯކައިދޫއިން ރުއްތަކެއް ބޭރުކުރާ މައްސަލައިގައި އެއީ ކޮރަޕްޝަނަށް މަގުފަހުވާގޮތަށް، ގަވާއިދުތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށް، ރުއް ނަގަން ހުއްދަ ދީފައިވާނެކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.
ފޯކައިދޫއިން ބައެއް މީޑިއާތަކާ ވާހަކަދެއްކި މީހުން ބުނެފައިވަނީ، ރިސޯޓެއް ހަދާ ބަޔަކަށް ވިއްކުމަށްޓަކައި ފީވަކު ބަޔަކަށް ފޯކައިދޫ ކައުންސިލުން ހާހަކަށްވުރެ ގިނަ ރުއް ވިއްކާފައިވާ ކަމަށެވެ. އަދި އެއީ ކައުންސިލަރުން ކޮރަޕްޝަނުގެ ތެރެއިން ފައިސާ ހޯދަން ހިންގާ ކަމެއް ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
މިކަމާ ގުޅިގެން މިނޫހުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރާޝިދު ވިދާޅުވީ، އެއްވެސް ފަރާތަކަށް ރުއް ނުވިއްކާ ކަމަށާއި، ރުއްތައް ބަޔަކަށް ދެނީ އެރަށުގައި ހިންގާ ބައެއް އިޖުތުމާއީ ކަންކަމަށް އެހީތެރިވުމަށް ޝަރުތުކޮށްގެން ކަމަށެެ.
އޭނާ ވިދާޅުވީ، ރުއްތަކުގެ ބަދަލުގައި ފޯކައިދޫގައި ހިންގުމަށް ހަމަޖެހިފައިވާ ބައެއް ޕްރޮޖެކްޓްތަކަށް ބޭނުންވާ ބިންތަކާއި، ބައެއް މަގުތައް އެ ކުންފުނިން ސާފުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ނަގަންޖެހޭ ވެލިފުނިތައްވެސް ނަގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާޝިދު ވިދާޅުވީ، ނެގުމަށް ޖަމަޖެހިފައިވަނީ އިންޖީނުގެ އަޅާ ބިމާއި، ކޮމިއުނިޓީ ސެންޓަރު އަޅާ ބިމުގެ އިތުރުން ސިނާއީ ސަރަހައްދުގެ މަގު އަދި ޒިޔާރަތް މަގަށް އަރާ ރުއްތައް ކަމަށެވެ. މިކަން ކުރަނީ ރަށު ރައްޔިޔުންނާ ބައްދަލުކޮށް ރަށުގެ 99 އިންސައްތަ ރައްޔިތުންގެ ތާއީދާ އެކުގައި ކަމުގައިވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ، ކަމުގެ ހަޤީޤަތް އޮޅޭގޮތަށް ވާހަކަ ދައްކަނީ ސިޔާސީގޮތުން ޚިޔާލުތަފާތު ދެތިން މީހުން ކަމަށާއި، ރުއްތައް ނަގަނީ އީޕީއޭގެ ހުއްދައާއިވެސް އެކުގައި ކަމަށެވެ. އަދި ހާހަކާ ގާތްކުރާ އަދަދަކަށް ރުއް ނަގާފައި ނުވާ ކަމަށާއި، ހުރިހާ ތަނަކުން މުޅި ޖުމްލަ ނެގުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 400-500 އެއްހާ ރުއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެކަން ސާފުކުރުމަށް އީޕީއޭއަށް ގުޅުމުން، އީޕީއޭ އިން ވިދާޅުވީ، ފޯކައިދޫގައި ހިންގާ ބައެއް ޕްރޮޖެކްޓްތަކަށާއި، މަގުތަކަށް ސާފުކުރަންޖެހޭ ބިންތަކުން ރުއް ނެގުމުގެ ހުއްދަ އެރަށު ކައުންސިލަށް ދީފައިވާނެ ކަމަށެވެ.




