ކ.ހިންމަފުށި

ހިންމަފުށީ ބަނދަރުން ދޫކުރާ ފައްތިޔާތަކަށް ފީ ނަގަނީ

ކ. ހިންމަފުށި ބަނދަރުން ދޫކޮށްފައިވާ ފައްތިޔާތަކަށް ފީ ނަގަން ފެށުމަށް ހިންމަފުށީ ކައުންސިލުން ހަމަޖައްސައިފިއެވެ.

ހިންމަފުށީ ކައުންސިލްގެ އިދާރާއިން "ރަށުގެ އެތެރެ ބަނދަރުން ފައްތިޔާ ދޫކުރުމާއި ފީނެގުމުގެ އުޞޫލަށް ޢަމަލުކުރުމާއި ގުޅޭ" ގޮތުން އާންމުކޮށްފައިވާ އުޞޫލުގައި ބުނެފައިވަނީ ހިންމަފުށި ބަނދަރާއިބެހޭ ޤަވާޢިދުގެ 3 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީބަނދަރުން ފައްތިޔާ ދޫކުރާނެ ސަރަޙައްދުތައް ކަނޑައެޅުމާއި، ފީނެގުމާއިބެހޭ ޤަޥާޢިދު ރިޢާޔަތް ކޮށް އެ ކައުންސިލުން ފާސްކޮށްފައިވާ އުޞޫލުގެމަތިން 1 ޖެނުއަރީ 2020 ން ފެށިގެން ފައްތިޔާ ތަކަށް ފީނެގުމަށް ހަމަޖައްސައިފިކަމަށެވެ.

އެކައުންސިލުން ބުނެފައިވަނީ ރަށުގެ ރައްޔިތުންގެ އުޅަނދުފަހަރާއި، ރައްޔިތުން ގެންގުޅޭ އެހެނިހެން އުޅަދުތަކަށް ދޫކުރެވޭ ފައްތިޔަލުގެ އަދަދު ކަނޑައަޅާނީ އެ ކައުންސިލުންކަމަށެވެ. ފައްތިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

އެގޮތުން ފައްތިޔާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލުން އިޢުލާން ކުރުމުން ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށާއި، އަދި އިޢުލާނާއި ގުޅިގެން އެކަމަށް އެދޭފޯމް ފުރިހަމަކޮށް ހުށަހަޅަމުން ގެންދާ ފަރާތްތަކުގެތެރެއިން ރަށުގައި ދުއްވާ ރައްޔިތުންގެ އުޅަނދުފަހަރަށް އިސްކަންދީގެންކަމަށެވެ. މިނޫން އުޅަނދުތަކަށް ޖާގައޮތް މިންވަރަކުން ފައްތިޔާ ދޫކުރުމަށް އެކައުންސިލުން ވަނީ ހަމަޖައްސާފައެވެ.

އެކައުންސިލުން ބުނީ ރަށުން ބޭރު އުޅަނދުފަހަރުގެ ތެރެއިން ފައްތިޔާ ދޫކުރެވޭނީ އެއުޅަނދު ދުއްވަނީ ސީދާ ރަށުގެ ރައްޔިތަކަށްވެފައި އޭނާގެ ބެލުމުގެ ދަށުން އެކަމަށް އެދޭފޯމް ހުށަހެޅުމުންކަމަށެވެ. އަދި މަސްވެރިކަމަށް ޚާއްސަ ކުދިބޮއްކުރާ ފަދަ ކުދި އުޅަނދުތައް ފިޔަވާ ފައްތިޔާ ދޫކުރެވޭ ކޮންމެ އުޅަނދަކުން މިއުޞޫލުގެ ދަށުން ފީ ދައްކަންވާނެކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

އެކައުންސިލުން އާންމުކޮށްފައިވާ ގޮތުގައި ފައްތިޔާ ދޫކުރާސަރަހައްދު އަދި ފީނަގަމުންގެންދާނީ އަންނަނިވި ގޮތުގެމަތިންނެވެ.

1- ފެންއަރުވާ ބޭލުމަށް ޚާއްޞަ ސަރަޙައްދު: 

ބަނދަރުގެ ދެކުނު ފަރާތު ފެންއަރުވާ ބޭލުމަށް މިސަރަހައްދު ޚާއްޞަ ކުރެވިފައިވަނީ މިރަށުގައި ހިންގާ ބޮޓަލިންގ ޕްލާންޓް ތަކުގެ ފެންއަރުވާ ބޭލުމަށެވެ. މިސަރަޙައްދުން ފީނަގާނީ ޖެޓީގެ ކޮންމެ ދިގު މީޓަރަކަށް ކޮންމެ 24 ގަޑިއިރަކަށް -/7 ރުފިޔާގެ މަގުންނެވެ.

2- ރަށުފެރީ ކުރާ އުޅަނދަށް ކަނޑައެޅޭ ސަރަޙައްދު :

ބަނދަރުގެ ދެކުނު ކޮޅު މި ސަރަހައްދަކީ ރަށުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތް ދިނުމަށް އޮންނައުޅަނދަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދެކެވެ. މިސަރަޙައްދުގައި ފެރީއަށްދަތިވާ ގޮތަށް އެއްވެސް އުޅަނދެއް އަޅާފައިބޭއްވުމަކީ މަނާކަމެކެވެ. މިސަރައްހައްދު ފެރީ ފައްތިޔާއަށް ކަނޑައެޅިފައިވަނީ މަހަކަށް -/150 ރުފިޔާއެވެ.

3- ޖެޓީ ބޯޑުން ފެށިގެން އުތުރު ހުރަސް ތޮށިގަނޑު ކަނާހަމައަށް އޮތްސަރަހައްދު :

މި ސަރަޙައްދު ކަނޑައެޅިފައިވަނީ، ރަށުގެ ރައްޔިތުންގެ އުޅަނދުފަހަރާއި، ރައްޔިތުން ގެންގުޅޭ އެހެނިހެން އުޅަދުތަކަށް ފައްތިޔާ ދޫކުރުމަށެވެ. މިސަރަޙާއްދުގެފައްތިޔާ ދޫކުރެވޭ ކޮންމެ އުޅަނދަކުން މަހަކު -/100 ރުފިޔާގެ ފީއެއް ދައްކަން ވާނެއެވެ.

ރަށުން ބޭރު އުޅަނދުފަހަރުގެ ތެރެއިން ދޫކުރާ ކޮންމެ ފައްތިޔަލަކުން މަހަކު -/200 ރުފިޔާގެ ފީއެއް ދައްކަން ވާނެއެވެ.  

4- އުތުރު ބަނދަރުގެ ހުޅަނގުކޮޅު ސަރަޙައްދު :

މިސަރަހައްދު ޚާއްޞަކުރެވިފައިވަނީ މަސްވެރިކަންކުރާ ކުދި ބޮއްކުރާތަކަށާއި، އެކިއެކިއަމިއްލަ ބޭނުމަށް ރަށުގެ ރައްޔިތުން ގެންގުޅޭ ކުދި ލޯންޗް ފަހަރުފަދަ އުޅަނދުތަކެވެ. މިސަރަޙައްދުން އެއްވެސް ފީއެއް ނުނަގާނެއެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ