ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ރައީސް ޔާމިންގެ ޝަރީއަތަކީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ޝަރީއަތަކަށް ވާއިރު، ކްރިމިނަލް ކޯޓުން ބުނީ، ރައީސް ޔާމިންގެ ޝަރީއަތުގެ އަޑުއެހުން ތާވަން ކޮށްފައިވަނީ މާދަމާ ހެނދުނު 9:30 ގައި ކަމަށެވެ.
މި މައްސަލާގައި މިހާތަނަށް ތިން އަޑުއެހުން ބާއްވާފައިވާއިރު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ބޭންކު އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑައިރެކްޓަރު މުހައްމަދު ޝަރީފް އާއި ކުރީގެ ސްޓޭޓް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ލުވެއިޒްގެ އިތުރުން މުހައްމަދު ވަސީމް އިސްމާއިލްގެ ހެކިބަސް ނަގާފައެވެ.
ޔާމީނާއި ދެކޮޅަށް ހުށަހެޅި ހެކިންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފައެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ނުނެގި އޮތީ މިހާރު އެންޓިކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ހެކިބަހެވެ. ލުތުފީވަނީ ހެކިބަސް ދެއްވަން އިންކާރު ކުރައްވާފައެވެ.
އެންމެފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ލުތުފީ ފުލުހުންނަށް ބަޔާން ދެއްވިއިރު ކޮށްފައިވާ ވީޑިއޯގެ ރެކޯޑިން ޝަރީއަތުގައި ބެއްލެވުމަށް ހުށަހަޅާފައެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.
ދެެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނިންމާނެ އެވެ.



