އަންހެނެއްގެ އުމުރުން 60 ހަށް އެރުމަށްފަހު ދަރިމައިވުމަކީ ވަރަށް މަދުން ނޫނީ ނުވާކަމަކެވެ. ނަމަވެސް ދާދިފަހަކުން ލުބުނާން އަންހެނެއްކަމުގައިވާ 61 އަހަރުގެ މަރިޔަމް އަވަޑާ މިވަނީ އެއްމާބަނޑު ދެކުދިން ވިހާފައެވެ.
އަވަޑާ އަދި އޭނަގެ ފިރިމީހާ ދަރިއަކު ލިބުމުގެ ފޮނި ހުވަންފެންތައް ދެކެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް އެ ދުވަސްތަކުގައި ދަރިޔަކު ހޯދުމަށް އެކިފަހަރުމަތިން ކުރި ފަރުވާތައް ނާކާމިޔާބުވިކަމުގައިވިޔަސް އެންމެ ފަހު ވަގުތާ ޖެހެންދެން އުއްމީދު ކަނޑާނުލުއި ހުރުމުގެ ނަތީޖާއަކަށްވީ، ދަރިޔަކު ހޯދުމަށް އެމީހުން ހޯދި ފަރުވާ ކާމިޔާބުވުމެވެ.
ކާމިޔާބު "ވައިޓްރޯ ފަރޓިލައިޒޭޝަން (އައި.ވީ.އެފް)" ފަރުވާއަށްފަހު އެންމެފަހުން އެދެމަފިރިން މިވަނީ، "އާމިރު" އަދި "ޙަސަން"ގެ ފަހަރުވެރި މައިބަފައިންނަށްވެފައެވެ.
"ވައިޓްރޯ ފަރޓިލައިޒޭޝަން" ފަރުވާއަކީ، ޓެސްޓް ޓިއުބެއްގައި ފިރިހެންމީހާގެ ދަރިފަނި އަދި އަންހެންމީހާގެ ބިސް އެއްކުރުމަށްފަހު އަންހެންމީހާގެ ރަހިމުގެ ތެރެއަށް ލުމެވެ.
އަވަޑާއަށް ފަރުވާދިން ޑޮކްޓަރު، މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، މިދެކުދިން އުފަންވެފައިވަނީ، ސާޖަރީ ހެދުމަށްފަހު 8 މަހުގައިކަމަށެވެ.
އަވަޑާ އޭނަގެ މި އުފާވެރި ވާހަކަ މީޑިއާއާއި ހިއްސާކުރަމުން ބުނީ، ހުރިހާ އަންހެނުންވެސް މަޔަކަށް ވުމަށް އެދި އޭނާ ދުޢާ ކުރާކަމަށެވެ. އަދި "މަންމާ" އޭ ކިޔާފައި ގޮވާލާނެ މި ބަސްކޮޅު އަޑުއެހުމަށް އިންތިޒާރު ކުރަމުން އަންނަތާ 24 އަހަރު ވެއްޖެކަމަށެވެ.
މިއީ މިފަދަ ގޮތަކަށް ކުއްޖަކު އުފަންވި ފުރަތަމަ ފަހަރެއް ނޫނެވެ. "އައި.ވީ.އެފް" ފަރުވާއަށްފަހު 2017 ވަނަ އަހަރު ދުބާއިގައި ވަނީ 63 އަހަރުގެ ލަންކާ އަންހެނަކަށް އަންހެންކުއްޖަކު ލިބިފައެވެ.
ދަރިން ލިބުމުން މަޙްރޫމްވެފައިވާ އަންހެނުންގެ އިޙްސާސްތަކަކީ ފުންއަސަރުން ފުރިގެންވާ އިހްސާސްތަކެކެވެ. މިހާރުވެސް ދަރިއަކު ލިބުމަށް އެދި އިންތިޒާރު ކުރާ އަންހެނުން މި ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭނެއެވެ. ނަމަވެސް ސިއްހީ ގޮތުން ކުރިއަރައިފައިވާ މި ޒަމާނުގައި ދަރިއަކު ހޯދުމަށް ކުރެވޭނެ އެކިއެކި ފަރުވާތައް އެބަހުއްޓެވެ.