ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤއްޔޫމް ވައްކަމެއް ކޮށްފައިވާނަމަ އަދަބު ލިބެންވާނެކަމަށް މާފަންނު އުތުރު ދާއިރާގެ ޕީޕީއެމް މަޖިލިސް މެންބަރު ޢަބްދުﷲ ފިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރިފާއު ވިދާޅުވީ، ޔާމީންގެ މައްޗަށް ފުލުހުން ތުހުމަތުކޮށް ހިންގަމުންދާ ތަހްޤީގަށް ހުރަސް އަޅަން ޕީޕީއެމް އަދި އޭނާވެސް ހުރަސް އަޅަން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެން އެދުނީ އަޅުގަނޑުމެން ޕާޓީންވެސް އަދި އިންޑިވިޖުއަލީވެސް އަޅުގަނޑުމެން އެއްވެސް ބޭފުޅަކު (ފުލުހުން) ކުރައްވަމުން ގެންދަވާ ތަހްޤީގަށް ހުރަސް އަޅާކަށް ބޭނުމެއް ނޫން." ރިފާއު ވިދާޅުވިއެވެ.
ރިފާއު ވިދާޅުވީ، މިގޮތަށް ވިދާޅުވަމުން ގެންދެވީ މިއަދަކު ނޫންކަމަށާއި، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ހިސާބުން ފެށިގެންވެސް ވިދާޅުވަމުންދިޔައީ ކުށް ކުރި ފަރާތްތަކަށް ހައްޤު އަދަބު ލިބެންޖެހޭ ކަމަށް ކަމަށެވެ.
"އަޅުގަނޑުމެންވެސް ބޭނުން ރައީސް ޔާމީން ވައްކަމެއް ކޮށްފައި އޮވެއްޖެކަމަށްވާނަމަ އެމަނިކުފާނެއްކަމަކު ލިބެންވާ އަދަބު ލިބޭން" ޢަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވިއެވެ.
އިތުރަށް ރިފާއު ވިދާޅުވީ، ޕީޕީއެމް / ޕީއެންސީގެ ވިސްނުމަކީ ޤައުމަށް ފައިދާކުރަނިވި، ރައްޔިތުންނަށް މަންފާކުރަނިވި ވިސްނުން ކަމަށާއި، މޮޓޯއަކީ "އެންމެ ފުރަތަމަ ޤައުމު" ކަމަށެވެ.
މަޖިލިސް އިންތިޚާބަށް ކުޑަތަންވަމުންދާއިރު، ޔާމީން ހައްޔަރު ކޮށްފައި ހުރުމުން ރިފާއު ވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ "ވާނުވާ" ޖަހާފައި މައްސަލަ ނިމެންދެން ބަންދު ކޮށްފައި ބަހެއްޓުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށްފައިވާ ކަމަށެވެ.