އިންގްލިޝް ފުޓްބޯލް ލީގު ކަޕުގައި ރޭ ޓޮޓޭންހާމް ބަލިކޮށް ކޮލްޗެސްޓާ މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ކޮލްޗެސްޓާ ދަނޑުގައި ކުޅެވުނު މިމެޗުގެ ހުރިހާ ގޮތަކުން ޓޮޓޭންހާމް ކޮންޓްރޯލް ކުރިނަމަވެސް މެޗު ފުރިހަމަ ވަގުތު ހަމަވެގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެހެންކަމުން ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު މިމެޗު ކޮލްޗެސްޓާއިން ކާމިޔާބުކޮށްފައިވާ 4-3 ގެ ނަތީޖާއަކުންނެވެ.

ޓޮޓޭންހާމުގެ ކްރިސްޓަން އެރިކްސަންއާއި ލޫކަސް މޯރާގެ ޕެނަލްޓީ ކާމިޔާބުވެފައިނުވާއިރު، ކޮލްޗެސްޓާގެ ޖެވާނީ ބްރޮން ފޮނުވާލި ޕެނަލްޓީވެސްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ޓޮޓޭންހާމްގެ އެރިކްސަންއެވެ. މިޕެނަލްޓީ ކޮލްޗެސްޓާގެ ކީޕަރު ޑީން ގާކެން ދިފާޢުކުރިއިރު، ކުރީގައި އޮތް ކޮލްޗެސްޓާގެ ޖެވާނީ ބްރޮން ޖަހަން މަސައްކަތްކުރި ޕެނަކަ ނާކާމިޔާބުވެ ޓޮޓޭންހާމްގެ އުންމީދު އަނެއްކާވެސް އާވެގެންދިޔައެވެ.
އެހެންނަމަވެސް ޓޮޓޭންހާމްގެ ފަސްވަނަ ޕެނަލްޓީ ލޫކަސް މޯރާ އަތުން ގޯލްގެ ދަނޑިއާއި އަމާޒުވެގެންދިޔައިރު، ކޮލްޗެސްޓާގެ ފަސްވަނަ ޕެނަލްޓީ ޓޮމް ލެޕްސްލީ ކާމިޔާބުކޮށް މެޗުން މޮޅުވެ އެކްލަބުވަނީ މުބާރާތުގެ ހަތަރުވަނަ ބުރަށް ގެންގޮސްދީފައެވެ. މިއީ 44 އަހަރު ފަހަރަށްފަހު ކޮލްޗެސްޓާ މިމުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ރޭ ޓޮޓޭންހާމް ބަލިކުރި ކޮލްޗެސްޓާއަކީ މިހާރު މުބާރާތުގައި އޮތް އެންމެ ރޭންކް ދަށް ޓީމުކަންވެސް ފާހަގަކޮށްލެވެއެވެ.



