"އަދިވެސް މީހަކާ އިންނާކަށް ނުވޭތަ؟" ، "މިހާރު ތިއޮއް ބޮލުން ފަތްކޮޅު ފައިބަނީއެއްނު. ދެން އަވަހަށް މީހަކާ އިންނަންއުޅޭ!" ، "ކޮން އިރަކުންތަ ސަޔެއް ލިބޭނީ؟" ، "ތިހެން ހުއްޓާ އަންހެން ކުދިން ހުސްވެދާނެ. އަވަހަށް ކުއްޖަކު ސެޓުކޮށްބަލަ." މިއީ ޝާހިދުގެ ކަންފަތަށް އިވިއިވި ބައުވެފައިވާ ވާހަކަތަކެކެވެ. މީހުން އެކަހަލަ ވާހަކަ ދައްކަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އުމުރުން 40 އަހަރުވެފައިވާއިރު ޝާހިދު އަދިވެސް ހުރީ ޒަވާޖީ ޙަޔާތެއް ނުފަށައެވެ. ރަށު އޮފީހުގައި ޒިންމާދާރު ވަޒީފާއެއްގައި އުޅޭއިރު ގެ ވެސް ހުރީ ރަނގަޅު ފެންވަރަކަށް ހެދިފައެވެ. ޝާހިދުގެ އުމުރުގެ ބައެއް ރައްޓެހިންނަށް މިހާރު ކާފަ ދަރިންވެސް ލިބިއްޖެއެވެ. އެހެންނަމަވެސް ޝާހިދު އަދިވެސް އަންހެން ކުއްޖަކާ ރައްޓެހިވެސް ނުވެއެވެ. މީހަކާ އިނދެގެން އުފާވެރި ދިރިއުޅުމެއް އުޅެން އޭނާވެސް ބޭނުންވެއެވެ. ޝާހިދަށް މަށަށް މަށަށް ގޮވާލަ ގޮވާލަ ތިބި އަންހެންކުދިން ރަށުގައި ވަކި މަދީކީވެސް ނޫނެވެ. އެހެނަސް ދިރިއުޅުމުގައި އޭނާއަށް ދިމާވި ކަންތައްތަކެއްގެ ސަބަބުން އޭނާ ހުރީ ޒަވާޖީ ޙަޔާތެއް ފެށުމާމެދު މުޅިން ފޫހިވެފައެވެ. ބައެއް ފަހަރު އެކަހަލަ ކަމެއް ކުރަން ހިތަށް އެރިޔަސް އޭނާ ބިރުގަނެއެވެ. ބައްޕަޔާ މަންމަ ނިޔާވެ، އެކަނިވެރިކަންމަތީ އޭނާ ދިރިއުޅެމުންދާތާވެސް މިހާރު ފަސް ވަރަކަށް އަހަރުވެދާނެއެވެ.
އެއީ މީގެ ސައްބީހަކަށް އަހަރު ކުރިއެވެ. ރަށުގައި ތަޢުލީމީ ފެންވަރު ދަށްކަމުން ކިރިޔާވެސް އަރާ އަރަފޯދިގެންވާ މީހެއްނަމަ ބަލަނީ މާލެ ނޫނީ ރަނގަޅު ތަޢުލީމު ލިބޭ ކައިރި ހިސާބެއްގެ ރަށަކަށް ދަރިންކޮޅު ފޮނުވޭތޯއެވެ. ޝާހިދަކީ އޭނާގެ ބައްޕަ ޢީސައާއި މަންމަ މަރިޔަންދީގެ ހުރި ހަމައެކަނި ދަރިއެވެ. ޝާހިދު ލިބުނީ އެދެމަފިރިން ދަރިއަކު ހޯދުމަށް ވަރަށް ދުވަހު މަސައްކަތްކުރި ފަހުންނެވެ. އެހެންކަމުން އެދެމަފިރިން ޝާހިދު ބަލާ ބޮޑުކުރީ އެމީހުންނަށްވީ އެންމެ ރަނގަޅަކަށް އެދަރިފުޅުގެ ހުރިހާ އެދުމެއް ފުއްދައިދީގެންނެވެ. އެގޮތުން ރަށުން ކިޔެވެން އޮތް އެންމެ މަތީ ގްރޭޑް ކަމުގައިވާ ގްރޭޑް 6 ނިމުމުން އަތޮޅުގެ ވެރިކަންކުރާ ރަށުގައި ދިރިއުޅޭ އެދެމަފިރިންގެ ރަޙްމަތްތެރިއެއްކަމުގައިވާ އަޙްމަދުފުޅުގެ އާއިލާ ކައިރިއަށް ޝާހިދު ކިޔަވަން ފޮނުވިއެވެ. އަޙްމަދުފުޅުގެ ދެމަފިރިންނަކީ އެރަށުގައި ކަމުވޮށިގެންވާ، އަޚުލާޤު ރަނގަޅު، ރީތި ދިރިއުޅުމެއް އުޅެމުން ދާ ދެމަފިރިންނެވެ. އެހެންކަމުން ޢީސަ އޭނާގެ ދެލޮލުގެ ފިނިކަންކަމުގައިވާ ހަމައެކަނި ދަރިފުޅު އެރަށަށް ފޮނުވީ އަޙްމަދުފުޅުގެ ދެމަފިރިންނަށް ވަރަށް އިތުބާރުކޮށްފައި ފޮނި ހުވަފެންތަކެއް ދެކެމުންނެވެ.
ޝާހިދަކީ ފުރާވަރުގެ އެ އުމުރުގެ ގިނަ ކުދިންނާ އަޅާބަލާއިރު އިސްކޮޅުން ދިގު، ރޫފަ ރަނގަޅު، ހެދި ހުރި ހަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. ރަށުގައި މޫދަށްއެރި، އަވީގައި ކުޅެން އުޅުމުގެ ސަބަބުން ހަންގަނޑު އަނދާފައި ހުއްޓެއް ކަމަކު އެކަން ވެފައިވަނީ ޝާހިދަށް ލިބިފައިވާ އިތުރު ފުރިހަމަކަމަކަށެވެ. ޝާހިދަކީ ވަރަށް މަޑުން ހުންނަ، ކަންކަމާ ވަރަށް ޖެހިލުންވާ ކުއްޖެކެވެ. ރަށު ސްކޫލުން ގްރޭޑް 6 ނިންމާފައި އަލަށް ގުޅުނު ސްކޫލުން ގްރޭޑް ހަތަކަށް ވަނުމުގެ ފުރުސަތު ޝާހިދަށް ލިބުނެވެ. މަންމައާ ބައްޕަ ދެކެމުންދާ ފޮނި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ޝާހިދުވެސް ބޭނުންވެއެވެ. އެހެންކަމުން ޝާހިދުވެސް ގަދަ އަޅާ ކިޔެވޭތޯ މަސައްކަތް ފެށިއެވެ.
އަޙްމަދުފުޅުގެ ގޭގައި އުޅެނީ އަޙްމަދުފުޅާއި، އޭނާގެ އަންހެނުން ޝަރުމީލާއާއި، އެމީހުންގެ ހަމައެކަނި ހުރި އަންހެން ދަރިފުޅު ޝިޔާނާއާއި، އޭނާގެ ފިރިމީހާ އަދި އެ ދެމަފިރިންގެ ދެ ފިރިހެން ކުދިންނެވެ. އެގޭގައި ހުންނަނީ ތިން ކޮޓަރިއާއި، ގިފިއްޔަކާއި، ބަދިގެއަކާއި، ކާގެއެކެވެ. ފެންޑާގައި ބޮޑު އުނދޯއްޔެއްވެސް އެލުވާފައި ހުރެއެވެ. ޝާހިދު ނިދަނީ ޝިޔާނާގެ ދެ ފިރިހެން ކުދިން ނިދާ ކޮޓަރީގައި އެކުދިން ނިދާ އެނދުގެ ތިރީގައި ގޮދަޑިއެއް އަޅައިގެންނެވެ. ޝިޔާނާގެ ދޮށީ ދަރިފުޅަށް އޭރު ހަ އަހަރެވެ. އަދި ހަގު ދަރިފުޅަށް ފަސް އަހަރެވެ. އަޙްމަދުފުޅާއި ޝަރުމީލާގެ ހުރިހާ ކަމަކާއި، ގޭތެރޭގެ ކެއްކުމާއި، ދޮވެ އިސްތިރިކުރުމުގެ އިތުރުން ގޭތެރެ ފޮޅާ ސާފުކޮށް ހަދަނީވެސް ޝިޔާނާއެވެ. އެއީ ހީވާގި، ގެވެހި އަންހެނެކެވެ.
އެރަށުގައި މަހެއްވީއިރު ޝާހިދުވެސް ދިޔައީ އެ މާޙައުލަށް މަޑުމަޑުން ހޭނެމުންނެވެ. ސްކޫލުން ދިމާވާ ކުދިންނާއި އަވަށްޓެރި ގޭގޭގައި އުޅޭ އެ އުމުރުގެ ކުދިންނާ މަޑު މަޑުން ވާހަކަ ދައްކާ ގުޅުން ބަދަހި ކުރުމަށް ޝާހިދު ދިޔައީ މަސައްކަތްކުރަމުންނެވެ. އޭނާގެ އެ ހުންނަ މަޑުމައިތިރި، ލަދުރަކި މިޒާޖުގެ ސަބަބުން އެކަންއެކަން އޭނާއަށް އެހާ ފަސޭހަކަމަކަށް ނުވި ނަމަވެސް އޭނާއަށް ވީ އެންމެ ރަނގަޅަކަށް މީހުންނާ ގުޅިގެން އުޅެވޭތޯ ދިޔައީ ބަލަމުންނެވެ. ގޭގައި އުޅޭ މީހުން އޭނާއަށް ވަރަށް ހެވެވެ. އަޙްމަދުފުޅުގެ ދެމަފިރިންނާއި ޝިޔާނާވެސް އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ގޭގައި ޖެހޭ ކުދިކުދި މަސައްކަތްކޮށްދީހަދަން ޖެހުނެއްކަމަކު އޭނާ އެކަމާ މާބޮޑު އެއްޗެއް ހިތަކަށް ނާރައެވެ. ސަބަބަކީ އަޙްމަދުފުޅުގެ ދެމަފިރިންގެ މުސްކުޅިކަމާއި ޝިޔާނާގެ ފިރިމީހާއަކީ ރަށުން ބޭރުގައި މަސައްކަތްކުރާ މީހެއްކަމުން ގޭގައި ފިރިހެނުން ކުރާ މަސައްކަތްތައްވެސް ކުރަމުން ދިޔައީ ޝިޔާނާ އެކަނިމާ އެކަންޏެވެ. އެހެންކަމުން ގެއަށް މަސް ގަނެދީ، ކުނި އުކާލަދީ، ވަޅުދިޔަ ހިއްކާލުންފަދަ ކަންކަން ކޮށްދިނުމަކީ ޝާހިދުގެ ޒިންމާއެއްކަމުގައި އޭނާ ދެކުނެވެ. އެކަންކަން ކުރިއެއްކަމަކު އޭނާއަށް ކިޔަވަން ވަގުތު ލިބެއެވެ. އިސާހިތަކު އެ ދިރިއުޅުމަށް އޭނާ ދިޔައީ އާދަވަމުންނެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. އަހަރުގެ ފަހު ޓާރމް ޓެސްޓު ދުވަސްވަރެވެ. ފިލާވަޅުތައް މުޠާލިޢާކޮށްލުމަށް ތަންކޮޅެއް ލަސްވަންދެން ހޭލާ އިނުމަށްފަހު އާދައިގެމަތިން ޝާހިދު އޮށޯތީ ފަތިސް ނަމާދަށް ހޭލަން ގަޑި ސޯނާކޮށްފައެވެ. އޮށޯވެ އިރުކޮޅަކުން އޭނާއަށް ނިދުނެވެ. ނަމަވެސް މާގިނައިރެއްނުވެ ހޭލެވުނީ ބޮލުގައި މީހަކު ފިރުމާހެން ހީވެގެންނެވެ. ނިދީގެ ސަބަބުން ބަރުވެފައިވާ ދެލޯ އޭނާ ގަދަކަމުން ހުޅުވާލީ އެކަން އެ ކުރަނީ ކާކުތޯ ބަލާލުމުގެ ނިޔަތުގައެވެ. އޭރު އެމީހަކު އޮތީ ޝާހިދު ނިދާ ގޮދަޑި ކައިރީގައި ދެކަކޫ ޖަހައިގެން ކުރިމައްޗަށް ގުދުވެއެވެ. ކޮޓަރީގައި ދިއްލާފައިހުރި އޮރެންޖް ކުލައިގެ ފަނޑު އަލީގައިވެސް އެއީ ކާކުކަން ދެނެގަންނާކަށް ޝާހިދަށް މާ އުނދަގުލެއް ނުވިއެވެ. އެހާ ކައިރީގައި އެހެން އޮތުމުން ސިއްސައިގެންގޮސްފައި ޝާހިދަށް ތެޅިގަނެވުނެވެ. އެވަގުތު އެމީހަކުވެސް ސިއްސައިގެންގޮސް ފަހަތަށް ވެއްޓުނެވެ.
ނުނިމޭ




2 Responses
Meethi varah salhi. Saabahey samaa.
Varah reethi vaahaka eh samaa keep it up and going like this all ways