ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާގެ ކުޅުން މާބޮޑުތަންވެސް ރަނގަޅުކުރެވޭނެކަމަށް އެކްލަބާއި ދާދިފަހުން ގުޅުނު ފްރާންސްގެ ތަރި އެންޓޮއިން ގްރިޒްމަން ބުނެފިއެވެ.
އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ގްރިޒްމަން މިހެން ބުނެފައިވާއިރު، އެމެޗުގައި ބާސެލޯނާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހައިދިނީ ގްރިޒްމަންއެވެ. މެސީގެ ކޯނަރަކުން ގްރިޒްމަންޖެހި މިލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ ހަވަނަ މިނަޓްގައެވެ.
"އަހަރެމެނަށް މިއަށްވުރެ މާބޮޑުތަންވެސް ރަނގަޅުކުރެވޭނެ. މިހާރު ކްލަބުގައި ގިނަ އާ ކުޅުންތެރިންތަކެއް އެބަހުރި. ކުޅުން ރަނގަޅު ކުރުމަށް އެންމެން އެކީ މަސައްކަތްތަކެއް ކުރަން އެބަޖެހޭ." ގްރިޒްމަން ބުންޏެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެތުލެޓިކޯ ދޫކޮށް ބާސެލޯނާއާއި ގުޅުނު ގްރިޒްމަންގެ ފަރާތުން ސަޕޯޓަރުން ބޭނުންވާފަދަ ކުޅުން އަދި ފެނިފައި ނުވާއިރު، އޭނާ މިހާތަނަށްވަނީ ބާސެލޯނާއަށް ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ.
މީގެއިތުރުން ގްރިޒްމަން ބުނީ ބާސެލޯނާއަށް ކުޅުމަކީ އުދަނގޫކަމެއްކަން އެނގޭކަމަށާއި، މެޗަކަށްފަހު މެޗެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ބާސެލޯނާގައި ކުޅެނީ ތަފާތު ފުޓްބޯޅައެއްކަމަށްވެސް ގްރިޒްމަންވަނީ ބުނެފައެވެ.




