ފްރެންޗް ލީގު 1 ގައި ރޭ ކުޅެވުނު މެޗުގައި ސްޓޭޑް ރެއިމްސްއިން ވަރުގަދަ ޕީއެސްޖީ ބަލިކޮށްފިއެވެ.
ޕީއެސްޖީ ދަނޑުގައި ކުޅެވުނު މިމެޗު ޕީއެސްޖީ ޙައިރާންކޮށްލުމަށްފަހު ރެއިމްސްއިން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ.
ރެއިންސްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލާފައިވަނީ އެއްލަނޑު ލީޑުގައިއޮވެއެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދީފައިވަނީ ޙަސަނޭ ކަމަރާއެވެ. އަދި މެޗުގެ ތިން ޕޮއިންޓް ރެއިމްސްއިން ކަށަވަރުކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައި ބޯލަޔޭ ޑިއާ ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ.

ސުމެއް ކަނޑާނުލެވި ރޭގެ މެޗުން ޕީއެސްޖީ ބަލިވެފައިވާއިރު، މިއީ ޕީއެސްޖީން ލީގު 1 ގައި އެންމެފަހުން 44 މެޗުގެ ތެރެއިން ލަނޑެއްނުޖެހި ނިންމާލި ފުރަތަމަ މެޗެވެ.
ޕީއެސްޖީ ލީގު 1 ގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ބަލިވެފައިވަނީ 2018 މެއިމަހުއެވެ. ރެނެސްއަތުން ބަލިވި އެމެޗަށްފަހު ޕީއެސްޖީންވަނީ ރެޔާއި ހަމައަށް އަމިއްލަ ދަނޑުގައި ބަލިނުވެ 22 މެޗު ހަމަކޮށްފައެވެ. އަދި ރޭގެ ބައްޔަކީ މިސީޒަންގެ ލީގު 1 ގައި ޕީއެސްޖީން ބަލިވި ދެވަނަ ފަހަރެވެ.
ރޭގެ މެޗުން ބަލިވިނަމަވެސް މިހާތަނަށް ކުޅުނު 7 މެޗުން ލިބުނު ޖުމްލަ 15 ޕޮއިންޓާއެކު ޕީއެސްޖީ ތާވަލްގެ އެއްވަނާގައި އޮތީ އެންޖާސްއަށްވުރެ އިތުރަށް 3 ގޯލް ފައިދާ ލިބިގެންނެވެ.



