ލަލީގާ - އޮސަސޫނާ ބަލިކޮށް ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނައަށް

ސްޕެނިޝް ލަލީގާ ރޭ އޮސާސޫނާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު ރެއަލްމެޑްރިޑުން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު އެކްލަބުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޒުވާން ވިނިޝިއަސް އާއި ރޮޑްރިގޯއެވެ.

ވިނިޝިއަސްގެ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު، ރޮޑްރިގޯގެ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފު ކުޅެން ނުކުމެ ރޮޑްރިގޯ ރޭ ކާމިޔާބުކުރި ލަނޑަކީ ލާލީގާގައި އޭނާ ރެއަލްމެޑްރިޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި ރޭގެ މެޗަކީ އޭނާ ރެއަލްމެޑްރިޑް ޖާޒީގައި ލަލީގާ މެޗެއް ކުޅުނު ފުރަތަމަ ފަހަރުވެސްމެއެވެ.

ރޭގެ މެޗުގައި ޒިދާންގެ ރެއަލްމެޑްރިޑަށް ލަނޑު ކާމިޔާބުކޮށްދިން ދެކުޅުންތެރިންވެސް ނިސްބަތްވަނީ ހުނަރުވެރި އެތަށް ފުޓްބޯޅަ ކުޅުންތެރިންނެއް އުފެދިގެންއައިސްފައިވާ ބްރެޒިލްއަށެވެ.

57 ހާހެއްހާ ސަޕޯޓަރުން ކުރިމަތީ ކުޅެވިގެންދިޔަ މިމެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ރެއަލްމެޑްރިޑުން އުފެއްދިނަމަވެސް އިތުރު ލަނޑެއް ނުޖެހި މެޗު ނިމިގެންގޮސްފައިވަނީ ރެއަލްމެޑްރިޑް ދެލަނޑު ކުރީގައި އޮވެގެންނެވެ.

ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ހަމެޗުން ލިބުނު ޖުމްލަ 14 ޕޮއިންޓާއެކު ރެއަލްމެޑްރިޑަށް ތާވަލްގެ އެއްވަނަ ލިބޭއިރު، ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑް އުޅެނީ ރެއަލްމެޑްރިޑަށްވުރެ އެއް ޕޮއިންޓް ދަށުގައެވެ.

މިސީޒަންގެ ލަލީގާ މެޗަކުން ރެއަލްމެޑްރިޑް އަދި މިހާތަނަށް ދަށްވެފައިނުވާއިރު، ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޕީއެސްޖީއާއި ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުންވަނީ ބަލިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ