ޗައިނާގެ 70 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.
ޗައިނާ އެމްބަސީގެ ފަރާތުން މިފިލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ޖަންގް ލީ ޖޮންގް އެވެ.
ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 14 އޮކްޓޫބަރު 1972 ގައެވެ.
ރާއްޖޭގެ ބޮޑެތި ތަރައްޤީގެ މަޝްރޫއުތަކުގައި ޗައިނާގެ ހިއްސާ ބޮޑެވެ. އެގޮތުން ސިނަމާލެ ބުރިޖަކީ ފާހަގަކޮށްލެވޭ މަޝްރޫއެކެވެ.



