ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ - ފޮޓޯ: ސަން

މުވައްޒިފުންތަކެއް ވަކިކުރާ ކަމަށް ބުނެ ރައީސަށް ސިޓީއެއް!

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުންތަކެއް ވަޒީފާއިން ކަނޑާލުމުގެ ނިޔަތުގައި ކަންތައްތަކެއް ކުރާ ކަމަށް ތުހުމަތުކޮށް އެ އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒިފުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރަން އެދި ޕެޓިޝަނަކާއެކު ސިޓީއެއް ފޮނުވައިފިއެވެ.

މިނޫހަށް ކޮޕީ ލިބިފައިވާ މި ސިޓީގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާއިރު، ޕެޓިޝަނުގައި އެ އޮތޯރިޓީގެ 46 މުވައްޒަފަކު ސޮއިކޮށްފައިވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ މިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރީޓީގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަނޑާލުމުގެ ނިޔަތުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނާތީވެ، މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

މި ސިޓީގައި ބުނެފައިވަނީ، ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ކަނޑާލަން އުޅޭކަމުގެ މަޢުލޫމާތު މިއަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ލިބުނު ކަމަށާއި، ނަމަވެސް އެކަމުގެ ޞައްހަ މަޢުލޫމާތު ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރި ކަމަށެވެ. އަދި ވެރިންނާ ބައްދަލު ނުކުރެވި ގިނަ ދުވަސްތަކެއް ވީކަމަށްވެސް ބުނެފައިވެއެވެ.

"2019 ސެޕްޓެމްބަރު 19 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގައި މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް ޕާމަނެންޓް ސެކްރެޓަރީ ވަގުތު ދެއްވުމުން، މިގަޑީގައި ހުރިހާ މުވައްޒަފުން މި ބައްދަލުވުމަށް ޙާޟިރުވެ، ގިނަ ކަންބޮޑުވުންތައް ފާޅުކޮށް، މިކަމުގެ ޞައްޙަ މަޢުލޫމާތު ދެއްވުމަށް އެދުމުން، މިއީ ރަނގަޅު ވާހަކައެއް ކަމަށާއި، މި ލިސްޓް މިހާރު ސިވިލް ސަރވިސްގެ ލަފާފުޅަށް އެދި ފޮނުވާފައިވާކަމަށް ޕާމަނެންޓް ސެކްރެޓަރީ ވިދާޅުވި." ރައީސް ޞޯލިޙް އަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

ސިޓީގައި ބުނެފައިވަނީ އެ ބައްދަލުވުމުގެ މަޤްޞަދު ގެއްލޭގޮތަށް ވާހަކަ ދައްކައި، ބައްދަލުވުން ނިމުނުއިރުވެސް މުވައްޒަފުންގެ ބިރުވެރިކަމުގެ ތެރެއިން ނިކުމެވޭނެފަދަ ޖަވާބެއް ލިބިފައި ނުވާކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒިފުން އެ ސިޓީގައި ބުނަނީ އެ އޮތޯރިޓީން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅެނީ ހާޒިރީގެ މައްސަލަތަކެއް ފެންމަތި ކުރުމަށްފަހު ކަމަށެވެ. އެކަން އެެހެން ދިމާވާ ސަބަބުތައް ވެސް ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

އެގޮތުން އިތުރު އިނާޔަތެއް ނުލިބޭ އިރު، އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހުމާއި، މުވައްޒިފުން މަދުވުމުން ޗުއްޓީއާއި ސަލާމްގައި ހުންނަ ދުވަސްތަކުގައި ވެސް އޮފީހަށް ނުކުންނަންޖެހުން ފާހަގަ ކޮށްފައި ވެއެވެ.

އަދި އެ މުވައްޒިފުން މިހާތަނަށް ކުރަން ޖެހުނު ބުރަ މަސައްކަތްވެސް ބަޔާންކޮށް ހާޒިރީގައި މައްސަލަ އުޅޭކަމަށް ބުނެ އިސްލާހު ކުރަން ފުރުސަތެއް ނުދީ ވަޒީފާއިން ވަކިކުރުމަކީ ހިތާމަކުރާ ކަމެއްކަމަށް ވެސް ބުނެފައި ވެއެވެ.

މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ކަންބޮޑުވުންތައް ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ކަރަންޓުގެ މައްސަލައާއި، ވާރޭ ވެހޭއިރު ފެން ލީކުވުމާއި، މީދަލުގެ އުނދަގުލުގެ އިތުރުން އިމާރާތް ބާވެ ނުބައިވަސް ދުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ބައްދަލު ކުރައްވާ، އޮތޯރިޓީގެ މަސައްކަތްތަކަށް ދަތިވި ނަމަވެސް އަދި މަސައްކަތްތައް ހުއްޓުމަކަށް އައި ނަމަވެސް މުވައްޒިފުންނަށް ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވަނީ، މިއޮތޯރިޓީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަނީ މަނިކުފާނުގެ ވެރިކަމުގައި މަނިކުފާނާއި އެކުގައި ސާބިތުކަމާއެކު ތިބި މުވައްޒަފުންތަކަކަށްވާއިރު، އިޞްލާހުވުމަށް ފުރުޞަތު ނުދީ މިފަދަބޮޑު ފިޔަވަޅެއް އެޅުމަކީ އެއްވެސް އިންސާފެއް ނޫންކަމުގައެވެ. އަދި އަޅުގަނޑުމެންގެ އުއްމީދަކީ، މަނިކުފާނުގެ ވެރިކަމުގައި ހައްޤަކާނުލާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރުމެވެ. އަދި މިކަމާގުޅޭގޮތުން އިތުރަށް ވާހަކަދެއްކުމަށް މިއޮތޯރީޓީގެ މުވައްޒަފުންނާއި މަނިކުފާނު ބައްދަލުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އާދޭހެކެވެ." މުވައްޒަފުންގެ ސީޓީ ނިންމާލަމުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީ އަދި ރައީސް އޮފީހުގެ ބަހެއް ނުލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ