ރާއްޖޭގައި އުފެއްދި ފުރަތަމަ އެންތޮލޮޖީ ފިލްމް "ހަތަރު ހަޅަ" ބައިސްކޯފުން ދެއްކުމަށް ހަމަޖެހިފައިވާކަމަށް ބައިސްކޯފުން ބުނެފިއެވެ. މީގެ ގާތްގަނޑަކަށް ހަ އަހަރު ކުރިން މަސައްކަތް ފެށި، މި ފިލްމަކީ މިހާތަނަށް ސިނަމާގައި ރިލީޒްކޮށްފައިވާ ފިލްމެއް ނޫނެވެ.
ބައިސްކޯފުން، އެޕްގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ، ފިލްމް ހަތަރު ހަޅަ ބައިސްކޯފު ސްޓްރީމްކޮށް އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބެލޭނެކަމަށެވެ. އަދި ފިލްމްގެ ޓްރެއިލާއެއްވެސް ވަނީ ދައްކާލަފައެވެ.
މިއީ މުހައްމަދު ފުއާދު (ފޯޑް) ޕްރޮޑިއުސްކޮށް ހަތަރު ޑައިރެކްޓަރެއްގެ ކުރު ފިލްމްތަކެއް އެކުލެވޭ ގޮތަށް ގެނެސްދޭ ފިލްމެކެވެ. ހަތަރު ޑައިރެކްޓަރެއްގެ ހަތަރު ސެގްމަންޓް ހިމެނޭ މި ފިލްމްގެ ހަތަރު ސެގްމެންޓް ޑައިރެކްޓްކޮށްފައިވަނީ، ފިލްމީ ދާއިރާގެ އެންމެ އުސް ފަންނާނުންކަމުގައިވާ، އަލީ ޝިފާއު (ޗިއްޕެ)، އަބްދުލް ފައްތާހް، މޫމިން ފުއާދު އަދި ރަވީ ފާރޫގެވެ.
2013 ވަނަ އަހަރު މަސައްކަތް ފެށި މި ފިލްމް ބެލުންތެރިންނާއި ހަމައަށް މިހާ ގިނަ ދުވަސްވީއިރުވެސް ގެނެސްދީފައިނުވަނީ، ފިލްމް ނިއްމަން ކަނޑައެޅި ތާރީޙަށް ފިލްމް ނުނިއްމުމާއި ގުޅިގެން ދިމާވި މައްސަލަތަކެއްގައެވެ. އެގޮތުން ފިލްމްގެ ދެ ޑައިރެކްޓަރުން ކަމުގައިވާ ފައްތާހު އަދި ރަވީ ފިލްމްގެ ޑެޑްލައިނަށް މަސައްކަތް ނުނިއްމުނުކަމުގެ ވާހަކަތަކެއް އޭރު ދެކެވިފައިވާއިރު، ރަވީ އަތުން ފަހުން ވަނީ ފިލްމްގެ މަސައްކަތް ޕްރޮޑިއުސަރު އަތުލާފައެވެ. ފިލްމްގެ މަސައްކަތް ރަވީ އަތުން އަތުލިއިރު، އެ ސެގްމެންޓްގެ މަންޒަރުތައް ވަނީ ނަގާ ނިމިފައެވެ.
Are you ready to witness the 4 most controversial productions ever in Maldives?You have to watch this!Hatharu Halha is coming to #Baiskoafu Stream it on 1st October! Only on #Baiskoafu
Posted by Baiskoafu on Thursday, September 26, 2019
"ހަތަރު ހަޅަ" ބައިސްކޯފަށް އަންނަ ހަބަރާއެކު، މި ނޫހުގެ ފަރާތުން ރަވީއަށް ގުޅާލުމުން ރަވީ ބުނެފައިވަނީ، ފިލްމް ބައިސްކޯފަށް އަންނައިރު ފިލްމްގައި ރަވީގެ ސެގްމެންޓް ހިމެނޭނެކަމަށާއި ނަމަވެސް އެ މަސައްކަތައް ރަވީ އެއްވެސް ކްރެޑިޓެއް ނަގަން ބޭނުންނުވާކަމަށެވެ. އަދި މިހާރު އެ ފިލްމްގައި ރަވީގެ ސެގްމެންޓްގެ އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ އެހެން ބަޔަކުކަންވެސް ރަވީ ފާހަގަކުރިއެވެ.
"ހަތަރު" ހަޅައިގައި ހިމެނެނީ ހަތަރު ނަމެއް ދީފައިވާ، ތަފާތު ހަތަރު ހާދިސާއެއް ދައްކުވައިދޭ ސަސްޕެންސް ސެގްމަންޓްތަކެކެވެ. މީގެތެރެއިން މޫމިން ފުއާދުގެ ސެގްމެންޓްއަކީ "ބައިވެރިޔާ"އެވެ. މި ސެގްމެންޓްގެ ސްކްރީންޕްލޭވެސް މޫމިން ހަދާފައިވާއިރު، މި ސެގްމެންޓްގެ ލީޑު ތަރިއަކީ ބަތަލާ ނިއުމާ މުހައްމަދެވެ.
މިހާރު ފިލްމީ ދާއިރާއާ ދުރަށް ގޮސްފައިވާ، ފައްތާހުގެ ސެގްމަންޓަކީ މަރިޔަމް ޝަކީލާގެ މުހިއްމު ރޯލެއް ފެނިގެންދާ "ދަރި/ފިރި" އެވެ. މިއީވެސް މަހުދީ އަހުމަދުގެ ސްކްޕްރީންޕްލޭއެކެވެ. ހަމަ މަހުދީގެ ސްކްރީންޕްލޭއަކަށް ހެދި، ޗިއްޕެގެ ސެގްމަންޓަކީ "ފޮށި" އެވެ. މީގެ މުހިއްމު ތަރިންނަކީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ފާތުމަތު ފަރީލާ (ފަރީ) އެވެ.
މީގެ އިތުރުން ރަވީގެ ސެގްމަންޓަކީ "ގާތިލް" އެވެ. މި ސެގްމެންޓްގެ މުހިއްމު ރޯލުތައް ކުޅެފައިވަނީ، ބަތަލާ އައިމިނަތު ރިޝްފާ އަދި މަރިޔަމް މަޖުދާ (މަޖޫ)އެވެ.



