ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ އަރްތޫރް މެލޯ، ކުރިން އެކްލަބަށް ކުޅުނު ނޭމާއާއެކު ޕާޓީ ކުރުމުން ބާސެލޯނާއިން ހިތްހަމަ ނުޖެހިއްޖެއެވެ.
ނޭމާއާއެކު ބާސެލޯނާގައި އަރްތޫތް ކުޅެފައި ނުވިނަމަވެސް މިދެކުޅުންތެރިންނަކީ ބްރެޒިލް ޤައުމީޓީމުގެ ޓީމު މޭޓުންނެވެ. ނޭމާ އަދި އަރްތޫރް އެކުގައި ނަގާފައިވާ ފޮޓޯއެއްވެސް މީސްމީޑިއާގައި ޙިއްސާކޮށްފައިވެއެވެ.
މިރޭ ގެޓަފޭއާއި ދެކޮޅަށް ބާސެލޯނާ ނުކުން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިވި ސުވާލަކަށް ޖަވާބުދެމުން ކޯޗު ވަލްވާޑޭ ބުނީ، އަރްތޫރްގެ އެޢަމަލުތަކާއި ބާސެލޯނާއިން އެހާ ހިތްހަމަ ނުޖެހޭކަމަށެވެ.

މީގެ ކުރިން ޕެރިސްގައި ކުރިއަށްދިޔަ ނޭމާގެ އުފަންދުވަސް ފާހަގަ ކުރުމުގެ ފޮތުން ބޭއްވި ޕާޓީއަކަށްވެސް އަރްތޫރް ގޮސްފައިވާއިރު، އެޕާޓީއަށް ދިޔަ ބާސެލޯނާގެ ހަމައެކަނި ކުޅުންތެރިޔަކީ އޭނާއެވެ. އަދި އެކަމާއި ގުޅިގެން އަރްތޫރް ބާސެލޯނާގެ ކިބައިންވަނީ މަޢާފަށްވެސް އެދިފައެވެ.
ރަނގަޅު ފޯމެއްގައި އަރްތޫރް މިސީޒަންގައި ބާސެލޯނާގައި ރަނގަޅު ކުޅުމެއް ދައްކަމުންދާއިރު، މިހާތަނަށް އޭނާވަނީ ދެލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. އެހެންނަމަވެސް އޭނާގެ މިޢަމަލުތަކާއި ގުޅިގެން ކްލަބާއި އޭނާއާމެދު މައްސަލަތަކެއް ޖެހުންވެސް ވަރަށް ގާތެވެ.
ނޭމާ ބާސެލޯނާއަށް އައިސް އުޅެނީ އެކްލަބާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއްގެ އަޑު އެހުމަކަށެވެ. ބާސެލޯނާއިން އޭނާއަށް ދޭންޖެހޭ ބޯނަސް ފައިސާ ހަމައަށް ނުދޭކަމަށްބުނެ ނޭމާ ބާސެލޯނާއާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާއިރު، ބާސެލޯނާއިން ބުނަނީ އެވަރުގެ ބޯނަސްއެއް ދޭން އެކްލަބުން އެއްބަސްވެފައިވަނީ ނޭމާ 2022 ވަނަ އަހަރާއި ހަމައަށް ބާސެލޯނާގައި މަޑުކުރުމަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.




