ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޑްރިޑް ޑާބީން ރެއަލްމެޑްރިޑް މޮޅުވުން ޙައްޤުކަމަށް ދެކޭކަމުގައި އެކްލަބުގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.
އެތުލެޓިކޯ ދަނޑުގައި ރޭ ކުޅެވުނު މިފޯރިގަދަ މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި ދެޓީމު އެއްވަރު ވެގެންނެވެ.
ރެއަލްމެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން މިމެޗަށްފަހު ކޯޗު ޒިދާން ބުނީ، މެޗުގައި ޓީމުގެ ފަރާތުން އުފެއްދުންތެރިކަން ފެނިގެން ނުދިޔައީކަމަށާއި ނަމަވެސް ރޭގެ މެޗުން މޮޅުވުން ޙައްޤުކަމަށެވެ.
ރޭގެ މެޗުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުޞަތެއް ލިބިގެންގޮސްފައިވަނީ ކަރިމް ބެންޒެމާއަށެވެ. ނަމަވެސް ބެންޒެމާގެ މިހަމަލާ އެތުލެޓިކޯގެ ކީޕަރު އޮބްލަކްވަނީ ދިފާޢުކޮށްފައެވެ.
ހަޒާޑުގެ ފަރާތުން މާ ތަފާތުން ކުޅުމެއް ރޭގެ މެޗުންވެސް ފެނިފައި ނުވާއިރު، ޒިދާން ބުނީ، ހަޒާޑު ސްޕެއިން ފުޓްބޯޅައަށް ހޭނެއް އަދި ދުވަސްކޮޅެއް ނަގާނެކަމަށާއި، އޭނާގެ ފަރާތުން ގިނަ ބޯޅަތަކެއް ގެއްލިފައިނުވާއިރު، ލިބުނު ފުރުޞަތުތައް މަދިީ ކަމަށްވެސް ޒިދާންވަނީ ބުނެފައެވެ.
ބޭލްގެ ފަރާތުން ރަނގަޅުކުޅުމެއް ރޭގެ މެޗުގައި ފެނިގެންގޮސްފައިވާއިރު، ރެއަލްމެޑްރިޑުން ފުރަތަމަ 11 އިން އޭނާއަށް ފުރުޞަތެއް ޙައްޤުކަންވަނީ ސާބިތުކޮށްދީފައެވެ.
ރޭގެ މެޗުން ރެއަލްމެޑްރިޑް މޮޅު ނުވިނަމަވެސް 7 މެޗުން ލިބުނު 15 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ ރެއަލްމެޑްރިޑަށްވަނީ ލިބިފައެވެ.



