ފްރެންޗް ލީގު 1 ގައި ރޭ ބޯޑޯއާއި ދެކޮޅަށް ކުޅުނު މެޗުންވެސް ނޭމާ ޕީއެސްޖީ މޮޅުކޮށްދީފިއެވެ.
ރަށުން ބޭރުގައި ޕީއެސްޖީ ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނޭމާ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 70 ވަނަ މިނަޓްގައެވެ. އެމްބާޕޭގެ ހުރަހަކުން ލިބުނު މިބޯޅަ ގޯލްތެރެއަށް ނޭމާ ފޮނުވާލީ އޭރިއާތެރޭ ހުހަށްހުރެއެވެ.
ހުރިހާ ގޮތަކުންވެސް މެޗު ކޮންޓްރޯލް ކުރަމުންދިޔަ ޕީއެސްޖީއަށް ރޭގެ މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތެއް ލިބިގެންގޮސްފައިވާއިރު، ނޭމާއަތުންވެސް ހުސް އެތަށް ބޯޅައެއް މިސް ވެގެން ދިޔައެވެ.
"މިއީ ގާލްފްރެންޑުން ގެންގުޅުން ކަހަލަ ކަމެއް. ބައެއް ފަހަރު ޝަކުވާކޮށް ވާހަކަ ނުދައްކާވެސް ހުރެދާނެ." ސަޕޯޓަރުންނާއި ގުޅިގެންކުރި ސުވާލަކަށް ޖަވާބުދެމުން ނޭމާ ބުންޏެވެ.
މީގެ އިތުރުން ނޭމާ ބުނީ، އޭނާގެ ފަރާތުން ވެވެން އޮތް ހުރިހާ އެހީއެއް ޕީއެސްޖީއަށް ވާނެކަމަށާއި، ދަނޑުމަތީ ޕީއެސްޖީއަށްޓަކައި ޤުރުބާންވާންވެސް ތައްޔާރަށް ހުރިކަމަށެވެ.
ކުރީގެ ކްލަބު ބާސެލޯނާއަށް ދާން ބޭނުންވާކަން ހާމަކުރި ނޭމާ ހޯދުމަށް މިދިޔަ ޓްރާންސްފާގައި ބާސެލޯނާއިން ހުށަހެޅި ހުރިހާ ހުށަހެޅުމަކަށްވެސް ޕީއެސްޖީން ނޫނެކޭ ބުނުމުން ނޭމާއަށް ޕީއެސްޖީގައި މަޑުކުރަން ޖެހުނުއިރު، ޕީއެސްޖީގެ ސަޕޯޓަރުންގެ ފަރާތުން ނޭމާއަށް އެތަށް ފުރައްސާރަތެއްދަނީ ކުރިމަތިވަމުންނެވެ.
ލީގުގައި އެންމެފަހުން ޕީއެސްޖީ ކުޅުނު ތިން މެޗުންވެސް އެކްލަބު މޮޅުކޮށްދީފައިވަނީ ނޭމާއެވެ. މިހާތަނަށް ކުޅުނު 8 މެޗުން ލިބުނު 18 ޕޮއިންތާއެކު ޕީއެސްޖީ އޮތީ ތާވަލްގެ އެއްވަނާގައެވެ.




