އާސެނަލްއަށް ކުޅެމުން އަންނަ ޖަރުމަނުގެ ތަރި މެސުޓް އޮޒިލް އަންނަ އަހަރުގެ ޖެނުއަރީމަހު ލޯނު އުޞޫލުން ވިއްކާލުމަށް އެކްލަބުން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 30 އަހަރުގެ އޮޒިލް މިސީޒަންގައި އާސެނަލްއަށް ކުޅެދީފައިވަނީ އެންމެ ދެ މެޗެވެ. ސެކިއުރިޓީ ސަބަބުތަކަކާހެދި ސީޒަންގެ ކުރީ މެޗުތައް ގެއްލިފައިވާއިރު، ބަލިވުމުގެ ސަބަބުންވެސް ބައެއް މެޗުތައްވަނީ ކުޅެވޭގޮތް ނުވެފައެވެ.
އެމެރީ އާސެނަލްއާއި ޙަވާލުވިފަހުން އޮޒިލްއަށް ފުރަތަމަ 11 އިން ޖާގައެއް ހޯދުންވަނީ އުނދަގޫކަމަކަށްވެފައެވެ.
އެމެރީ ބޭނުންވާފަދަ ކުޅުމެއް އޮޒިލް ދެއްކެމުން ނުދާއިރު، އާސެނަލްއިން އޮޒިލް ވިއްކާލަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އޭނާއަށް ދޭ ބޮޑު މުސާރައެވެ. އާސެނަލްއިން އޮޒިލްއަށް ހަފްތާއަކު 350،000 ޕައުންޑުގެ ބޮޑު މުސާރައެއް ދެއެވެ.
އާސެނަލްއާއެކު އޮޒިލް ހަދާފައިވާ އެއްބަސްވުމުގައި އަދިވެސް ބާކީ ދެއަހަރު އެބައޮތެވެ. އޮޒިލް ކްލަބު ދޫކޮށްލަން ބޭނުންނުވާއިރު، އެނާ ވިއްކާލުން އާސެނަލްއަށްވަނީ އުނދަގޫކަމަކަށްވެފައެވެ. މިދިޔަ ހޫނު މޫސުމުގައިވެސް އޮޒިލް ވިއްކާލަން އާސެނަލްއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭނާ ގަނެވޭވަރުގެ ކްލަބަކުން ހުށަހެޅުމެއް ލިބިފައެއް ނުވެއެވެ.
އޮޒިލްގެ ބަދަލުގައި އެމެރީ އާސެނަލްގެ މެދުތެރެއަށް ކުޅުވަމުން ގެންދަނީ ޒުވާން މަޓޭއޯ އަދި ކެބަލޯސްގެ އިތުރުން ޖޯ ވިލޮކެވެ.
								
											


														
														
														
														
														
														