އޮޕަރޭޝަނެއްގައު ދިފާއީ ބާރުތަކުން ހަރަކާތްތެރިވަނީ - ފޮޓޯ: މިހާރު

ޓެރަރިޒަމް ޤާނޫނު ނާޖާއިޒުގޮތުގައި މިސަރުކާރުން ނުކުރާނެ - ހޯމް މިނިސްޓަރ

އަދުގެ ސަރުކާރުން ބޭނުންވެގެން ބޮޑެތި ބާރުތަކެއް ލިބިދޭގޮތަށް އިސްލާހުތަކެއް ފާސްކުރި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި، މި ސަރުކާރުން ނުހިފާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްވުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

މި ޤާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި މި ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

"މި ޤާނޫނުގެ ނާޖާއިޒު ބޭނުން މި ސަރުކާރުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން." އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލް، 19 ވަނަ މަޖިލިހުގެ ދައުރުން ބޭރުން ބޭއްވި ތިން ވަނަ ޖަލްސާގައި ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

އިސްލާހުތަކާއެކު މިއަދު ފާސްކުރި ޓެރަރިޒަމްގެ ޤާނޫނުގައިވާ ގޮތުން ބޮޑެތި ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމާއި ބަލައި ފާސް ކުރުމުގެ ބާރު ވަނީ ފުލުހުންނަށް ދީފައެވެ. އަދި ބިލްގައި ޓެރަރިޒަމްގެ އަމަލުތަކާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ބޮޑެތި ޖަލު ހުކުމްތަކެއް ދެވޭ ގޮތަށް ބިލްގައި ހިމަނާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ