އަފްގާނިސްތާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގާތުން ވާދަކުރައްވާ ދެބޭފުޅުންވެސް އިންތިހާބު ކާމިޔާބުކުރެއްވުނުކަން އިއުލާން ކުރައްވައިފިއެވެ.
ޖުމްލަ 14 ކެންޑިޑޭޓުން ވާދަކުރެއްވި މިއިންތިހާބުގެ އެންމެ ކުރީގައި އުޅުއްވާނެކަމަށް ބެލެވޭ އަފްގާނިސްތާނުގެ މިހާރުގެ ރައީސް އަޝްރަފް ޣަނީއާއި ގައުމުގެ ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އަބްދުﷲ އަބްދުﷲ ވެސްވަނީ އިންތިހާބު ކާމިޔާބު ކުރެވުނުކަން ހާމަކުރައްވައިފައެވެ.
އަފްގާނިސްތާނުގެ އިންތިހާބީ ކޮމިޝަނުން ބުނެފައިވަނީ އަދި މިހާތަނަށް ގުނިފައިވަނީ 3،739 މަރުކަޒުގައި ބެހެއްޓިފައިވާ ވޯޓުފޮށި ކަމަށެވެ. ޖުމްލަ 4000 މަރުކަޒެއްގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި ވެއެވެ.
މި އިންތިހާބަކީ ތޯލިބާނުން އަފްގާނިސްތާނުގެ ވެރިކަމުން ދުރުކުރިފަހުން އެންމެ މަދު އަދަދެއްގެ ބަޔަކު ވޯޓުލާން ނިކުތް އިންތިހާބެވެ. މިގޮތުން މިއިންތިހާބުގައި ވޯޓުލައިފައިވަނީ ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ތެރެއިން 25 އިންސައްތަ މީހުންނެވެ. އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް 9.6 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައި ވެއެވެ.
ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން މިހާ މަދު އަދަދެއްގެ ބަޔަކު ވޯޓުލުމަށް ނިކުމެފައި މިވަނީ އިންތިހާބާއި ދިމާކޮށް ތޯލިބާނުން ދީފައިވާ އިންޒާރުތަކާއި ގުޅިގެންނެވެ.
ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްގެން އިންތިހާބު ކުރިއަށް ގެންދިއަނަމަވެސް ތޯލިބާނުންވަނީ އިންތިހާބީ މަރުކަޒުތަކަށް ހަމަލާ ދީފައެވެ. މިހަމަލާތަކުގައި ފަސްމީހުން މަރުވެފައި ވެއެވެ.




