ކެޕްޓަން ލިއޮނަލް މެސީ އަދި އޮސްމާން ޑެމްބެލޭވެސް ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފައްޓައިފިއެވެ.
ހޯމަ ދުވަހު ކުރިއަށްދިޔަ ބާސެލޯނާގެ ފަރިތަކުރުންތަކުގައި މެސީ އަދި ޑެމްބެލޭވެސް ބައިވެފައިވާއިރު، މިކުޅުންތެރިން މާދަމާރޭ އިންޓަ މިލާންއާއި ދެކޮޅަށް ނުކުންނަ މެޗުގައި ބޭނުން ކުރެވޭނެކަން ޔަޤީންވެގެންދާނީ މިއަދުގެ ފަރިތަކުރުންތަކަށް ފަހުގައެވެ.
ބާސެލޯނާގެ ފޯވާޑު ލައިންއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެންމެ ފަހުން ގެޓަފޭ އަތުން 0-2 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ޒުވާން އަންސޫ ފާޓީވެސް އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ.
ޕްރިސީޒަންގެ ތެރެއިން އަނިޔާވި މެސީ ސީޒަންގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ ހަތަރު މެޗުގައިވެސް ކުޅެފައެއްނުވެއެވެ. އެހެންނަމަވެސް ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޑޯޓުމުންޑާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކުޅެފައިވާއިރު، އެމެޗުގައިވެސް މެސީ ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ މެޗުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ ނުކުންނާނީ އިންޓަމިލާންއާއި ދެކޮޅަށެވެ. މާދަރޭ 12:00 ގައި ފެށުމަށް ހަމަޖެހިފައިވާ މިމެޗުގައި މެސީ ކުޅޭތައް ދެކެން ގިނަ ސަޕޯޓަރުންހުރީ ކެތްމަދުވެފައެވެ.



