"އެއީ ޕެނަލްޓީއެއް" އާސެނަލްއާއި އެއްވަރުވިމެޗަށްފަހު ސޯލްޝެއާ

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ކުޅެ އެއްވަރުވި މެޗުގައި މެންޗެސްޓާ ޔުނައިޓެޑަށް ޕެނަލްޓީއެއް ދޭންޖެހޭވަރުގެ ހާދިސާއެއް މެޗުގައި ހިނގާފައިވާކަމަށް ޤަބޫލުކުރާކަމަށް ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ލަނޑުޖަހާފައިވަނީ ޔުނައިޓެޑުންނެވެ. މެޗުގެ 45 ވަނަ މިނަޓްގައި ސްކޮޓް މެކްޓޮމިނޭ ކާމިޔާބުކޮށްދިން މިލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

އަދި ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު އާސެނައިލް ނަތީޖާ ހަމަހަމަކޮށްފައިވަނީ އޮބަމަޔާން ކާމިޔާބުކޮށްދިން ލަނޑަކާއެކުގައެވެ.

އެހެންނަމަވެސް ޔުނައިޓެޑް ކޯޗު ސޯލްޝޭއާ ދެކޭގޮތުގައި އޮބަމަޔާންގެ ލަނޑުގެ ކުރިން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބިގެން ގޮސްފައިވެއެވެ. އާސެނަލްގެ ޕެނަލްޓީ އޭރިއާތެރެއިން ޑިފެންޑަރު ކޮލަސިނެޗް އަތުގައި ބޯޅަ ޖެހުނު ނަމަވެސް ރެފްރީ ނިންމެވީ އެއީ ޕެނަލްޓީއެއް ނޫންކަމަށެވެ. ރެފްރީ މިނިންމުން ނިންމާފައިވަނީ ވީއޭއާރު ނުބަލާކަންވެސް ފާހަގަކޮށްލެވެއެވެ.

"އަހަރެންނަށްވެސް އަދި ބައެއް ސަޕޯޓަރުންނަށްވެސް ޔަޤީން އެއީ ޕެނަލްޓީއެއްކަން. ރެފްރީއަށް ޔަޤީން ނުވާނަމަ ކަށިގަނޑު ގޮށްވުމަށްފަހު ޗެކްކޮށްލުން ރަނގަޅު ކަންނޭނގެ." ސޯލްޝެއާ ބުންޏެވެ.

ލަނޑު ޖަހާނެ އިތުރު ފުރުޞަތުތަކެއް ދެޓީމަށް ލިބުނު ނަމަވެސް، އިތުރު ލަނޑެއް ނުފެނި މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު 8 މެޗުގައިވެސް އެއް ލަނޑަށްވުރެ އިތުރަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފައެވެ. މިއީ ސީޒަނެއްގެ ކުރީކޮޅު ޔުނައިޓެޑްގެ ފަރާތުން މިއިން ދުވަހަކުވެސް ނުފެންނަހާ ދަށް ނަތީޖާ ތަކެކެވެ.

ރޭގެ ނަތީޖާއާއެކު މިހާތަނަށް ލިބުނު 12 ޕޮއިންޓާއެކު ތާވަލްގެ 4 ވަނާގައި އާސެނަލްއޮތްއިރު، 9 ޕޮއިންޓާއެކު ޔުނައިޓެޑަށް ލިބެނީ ތާވަލްގެ 10 ވަނައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ